ހިނގަމުން މިދާ 1442 ވަނަ އަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ޕާމިޓް ލިބުނު ފަރާތްތަކުން، ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރަން ޖެހޭ ކަމަށް ސައުދީ އަރަބިއްޔާއިން އިއުލާން ކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ބުނީ، ޕާމިޓް ލިބޭތާ 48 ގަޑިއިރުގެ ތެރޭގައި، އެމީހަކާ އެންމެ ގާތުގައިވާ ވެކްސިން ސެންޓަރަކަށް ގޮސް، 2 ވަނަ ޑޯޒްގެ ވެކްސިން ޖަހާ، ވެކްސިން ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.

ސައުދީގައި މިވަގުތު ދިރިއުޅެމުން އަންނަ މީހުންގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް، ޙައްޖުވުމުގެ ފުރުސަތަށް އެދި ހުށަހެޅުމުގެ ފުރުސަތު، ސައުދީއިން ހުޅުވާލުމުން 550000 އަށް ވުރެ ގިނަ މީހުން އެޕްލިކޭޝަން ހުށަހެޅިއެވެ. މި އަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީއިން ފުރުސަތު ދެނީ 60000 މީހުންނަށެވެ.

ޙައްޖުގެ އަޅުކަމަށް ވެކްސިން ފުރިހަމަ ކުރަން ޖެހޭ ކަމަށް ސައުދީއިން އިއުލާން ކޮށްފައި ވާ އިރު، ވެކްސިން ޖެހުމަށް، ދުރާލާ އެޕޮއިންޓްމަންޓް ހައްދަން ނުޖެހޭ ގޮތަށްވެސް ސައުދީއިން ވަނީ އިންތިޒާމުތައް ހަމަޖައްސާދީފައެވެ.

ކުރިއަށް އޮތް ޙައްޖުގެ އަޅުކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް، މިހާރު ވެ ނިމިފައި ވާ ކަމަށް ސައުދީއިން ވަނީ ބުނެފައެވެ.