އަވަށްޓެރި އިންޑިއާގެ ބައެއް ސްޓޭޓްތަކަށް، ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ނުރައްކާ ބޮޑުވެފައި ވަނިކޮށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އިތުރު 50،040 ކޭސް، އެ ގައުމުން މިއަދު ރިޕޯޓް ކޮށްފިއެވެ.

ޑެލްޓާ ޕްލަސް ވޭރިއަންޓަކީ، ކަންބޮޑުވާ ދަރަޖައިގެ ވޭރިއަންޓެއް ކަމަށް އިންޑިއާއިން ކަނޑައެޅީ ހުސްވި ހަފުތާގެ ތެރޭގައެވެ. ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ވާހަކަ، އިންޑިއާއިން އާންމު ކުރީ ޖޫން 11 ވަނަ ދުވަހުއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކަށް ބަލާއިރު، ކޮވިޑް ޖެހިގެން މިއަދު އެ ގައުމުން 1258 މީހުން މަރުވި ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. މީގެ ތެރެއިން 511 ކޭހެއް ރިޕޯޓް ކުރީ މަހާރާޝްތުރާ ސްޓޭޓުންނެވެ.

ޑެލްޓާ ޕްލަސް ވޭރިއަންޓަކީ، އެހެން ވޭރިއަންޓްތަކާ އަޅާ ބަލާއިރު، ފުއްޕާމޭގެ މައްސަލަތަކާ ދިމާއަށް ދާ ވޭރިއަންޓެއް ކަމަށް، އިންޑިއާގެ ނޭޝަނަލް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު އޮން އިމިއުނައިޒޭޝަން (އެންޓެގީ)ގެ އިސްވެރިޔާ ޑރ އެން.ކޭ އަރޯރާ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ވޭރިއަންޓްގެ 50 އަށް ވުރެ ގިނަ ކޭސް އިންޑިއާއިން ފާހަގަ ކުރެވިފައި ވާއިރު، މި ވޭރިއަންޓްގެ ކޭސްތައްވެސް އެންމެ ގިނައީ މަހާރާޝްތުރާ ސްޓޭޓްގައެވެ.

ބަލިން ދިފާއުވުމަށް ވެކްސިން ކެމްޕޭން ހިންގި ކަމުގައި ވީ ނަމަވެސް، އެދެވޭ ރޫހެއްގައި އިންޑިއާގައި މި މަޝްރޫއު ކުރިއަށް ނުދާ ކަން ފާހަގަ ކުރަން ޖެހެއެވެ. އާ ވޭރިއަންޓްތަކުގެ ކަންބޮޑުވުންތައް އިތުރު ވަމުން އަންނަ މި ދަނޑިވަޅުގައިވެސް، އިންޑިއާގެ ބޮޑެތި މީހުންގެ އާބާދީއިން މިހާތަނަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވަނީ އެންމެ 6 ޕަސެންޓް މީހުންނެވެ.

އޭޕްރިލް މަހުގެ މެދަޖާ ހިސާބުން ފެށިގެން އިންޑިއާއަށް ކޮވިޑްގެ ތޫފާނަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މެއި މަސް ނިމުނުއިރު، އަދަދުތައް ވަރަށް ބޮޑަށް ދަށްކުރެވުނު މަންޒަރު ފެނުނެވެ. މިއާއެކު އެކި ސްޓޭޓްތަކުން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް މިހާރު ލުއި ދޭން ފަށާފައި ވާއިރު، ބަލީގެ ނުރައްކާ އަނެއްކާވެސް މި ވަނީ ބޮޑުވާން ފަށާފައެވެ.

އިންޑިއާއަށް ކުރިމަތިލާން ޖެހުނު ކޮވިޑްގެ 2 ވަނަ ރާޅަކީ، ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރަން މަޖުބޫރު ކުރުވި ރާޅަކަށް ވީ އިރު، ދާދި އަވަހަށް 3 ވަނަ ރާޅެއް އަރާފާނެ ކަމަށްވެސް ސައެންސްވެރިން ވަނީ އިންޒާރު ކޮށްފައެވެ.