ހުޅުމާލެއިން ޓެކްސީއެއް ހުއްޓުވާ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ޕެޓްރޯލް ޖެޓީގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ ކޭސްތަކެއް އަރުވާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 12:10 ހާއިރު ހުޅުމާލެއިން ޓެކްސީއެއް ހުއްޓުވާ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން 48 ދަޅު ބިޔަރު އެ ޓެކްސީއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމައްސަލަ އާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރިން ތިން މީހުންގެ ތެރޭގައި 24 އަހަރުގެ މީހަކާ 26 އަހަރުގެ މީހެއް އަދި 30 އަހަރުގެ މީހެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ފުލުހުންނަށް ލިބޭ އެފަދަ ބައެއް މައުލޫމާތު ތަކާ ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގައި ވަނީ އުޅަނދުފަހަރު ޗެކްކޮށް ބަނގުރާ ފުޅި ފަދަ އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.