ދެކުނުގެ ރަށެއްގައި 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ސައުތް ޕޮލިސް ޑިވިޝަން (ޏ، އަދި ސ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 8 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފާރާތާ ބެހޭ މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ވެސް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ ދަނީ އަދި ތަހުގީގު ކުރަމުން ކަމަށެވެ.

ނަމަވެސް މި މައްސަލަގައި ތުހުމަތު ކުރެވެނީ ބިދޭސީއަކަށް ކަމަށް ބައެއް މިޑިއާތަކުގައި ރިޕޯޓް ކުރެއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުލޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމަ ނުކުރެއެވެ.