އެމްޑީޕީއަށް ލިބިފައިވާ ގެއްލުންތަކުގެ މައްސަލަތައް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅަން ނިންމާފައި ވާތީ އެކަމަށް ތައްޔާރުވުމަށް އެ ޕާޓިގެ މެންބަރުންނަށް ނައިބު ރައީސް މުހައްމަދު ޝިފާޒު ގޮވާލައްވައިފިއެވެ.

އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ، އެމްޑީޕީއަކީ ވަރަށް ގިނަ ގެއްލުން ލިބިފައިވާ ޕާޓީއެއް ކަމަށާއި ޕާޓީގެ މެންބަރުންނާއި ޕާޓީގެ މުދަލާއި ވަސީލަތްތަކަށް އެކި ގޮތްގޮތުން އަނިޔާ ދީފައިވާ ކަމަށެވެ.

"މިއީ ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ޕާޓީއެއް. ވަރަށް ބޮޑެތި އަނިޔާ ޕާޓީގެ މެންބަރުނަަށް ވެސް ޕާޓީގެ މުދަލަށް ވެސް ޕާޓީގެ ވަސީލަތްތަކަށް ވެސް އެކިވަރުގެ އެކި އަނިޔާ އެކި ގޮތްތަކަށް ލިބިފައިވޭ. އެނގިވަޑައިގަންނަވާނެ މި ގައުމުގައި އުފެދުނު ފުރަތަމަ ޑިމޮކްރަޓިކް ވެރިކަން ބަޣާވާތެއްކޮށް މަގުމަތިކޮށްލި،"
ޝިފާޒު

އެއީ އިންސާފު ހޯދަން ޖެހޭ ކަންކަން ކަމަށާއި އެފަދަ މައްސަލަތައް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައެޅުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި އެ މަސައްކަތް ކުރުމާ ގުޅޭގޮތުން ޕާޓީގެ ސެކްރެޓޭރިއޭޓްގެ ދެ ބައްދަލުވުމެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ މަސައްކަތް އެމްޑީޕީގެ ހައްގުތަކާ ބެހޭ ކޮމެޓީން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޓީން ވަނީ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށައެޅުމަށް ދެ މަސް ދުވަހުގެ ފުުރުސަތެއް ދީފައި ކަމަށް ޝިފާޒް ވިދާޅުވިއެވެ. އެހެން ކަމުން އެކަމަށް ތައްޔާރުވާން ޕާޓީގެ މެންބަރުންނަށް ޝިފާޒު ގޮވާލެއްވިއެވެ.

އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ މިދިޔަ އަހަރު ޑިސެމްބަރު މަހުގައެވެ. އެ އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާ ނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.

އެ އޮފީހަށް މައްސަލަ ހުށަޅަން ފުރުސަތު ދީފައި ވަނީ އަންނަ އޯގަސްޓް މަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.