މި އަހަރުގެ މިހާތަނަށް 496،633 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށް މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މުގުރުލާމުގާ ގާތަށް ހިނގައްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އހަރުގެ މި ހިނގާ ޖޫން މަހުގެ 23 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 496،633 އެވެ. މިދިޔަ އަހަރު މުޅިއެކު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 555،494 އަށް ވީ އިރު މި އަހަރުގެ ވޭތުވެ ދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެ އަދަދު މުގުރާލަން މިވަނީ ގާތްވެފައެވެ. އެގޮތުން މި އަދަދު މުގުރާލަން ބަކީ ދެން ބޭނުން ވާނީ 58،861 ފަތުރުވެރިން ނެވެ.

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓުކޮށްފައި ވަނީ 1،702،887 އެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން / ފޮޓޯ: ވެލާނާ އެއާޕޯޓް

އިގްތިސޯދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ފަށާ ޓޫރިޒަމަށް ބަންދު ކުރި ދޮރުތައް މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުހުޅުވާލައި، ސަރުކާރުން އަންނަނީ ގިނަ ކެމްޕޭންތަކެއް ކުރަމުންނެވެ. މި ކެމްޕޭންތައް ކުރަމުން އަންނަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ދިމާކޮށް މި ސިނާއަތް ކުރިއެރުވުމުގެ މަގްސަދުގައެވެ. ރާއްޖޭގެ ޓުރިޒަމަށް 50 އަހަރު ފުރޭނީ އަންނަ އަހަރުއެވެ.

މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 496،633 އަށް އަރާފއިވާ އިރު މި މަހުގެ 23 ދުވަހުގެ ތެރޭގައި ވަނީ 42،250 ފަތުރުވެިން ރާއްޖެ އައިސްފައެވެ. މިއީ 2019 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތާ އަލާބަލާއިރު، 40.6 ޕަސެންޓްގެ ދަށްވުމެކެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 86،918 އެވެ.

މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުން އެންމެ ކުރިން ޖާގަ ހޯދާފައި ވަނީ ރަޝިއާއެވެ. އެ މުއްދަތުގައި ރަޝިއާއިން ވަނީ 120،514 ފަތުރުވެރިން އައިސްފައެވެ. މި ލިސްޓުގެ ދެވަނައިގައި 89،599 ފަތުރުވެރިންނާ އެކު އޮތީ އިންޑިއާއެވެ. އަދި ތިންވަނަ އަށް ޖަރުމަނު އަރާފައި ވަނީ27،151 ފަތުރުވެރިންނާ އެކުއެވެ. ބާކީ ތިބި 7 ގައުމަކީ، ޔޫކްރެއިން، ޔޫއެސްއޭ، ކަޒަކިސްތާން، އާއި އިނގިރޭސި ވިލާތެވެ. ހަމައެއާއެކު އެ ލިސްޓުގައި ރޮމޭނިއާ، ފްރާންސް އަދި ޗެކް ރިޕަބްލިކް ވެސް ހިމެނެއެވެ.