ރާއްޖޭއަށް އަންނަ ފަތުރުވެރިންގެ މާކެޓަށް ބާލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާހަ ހޯދާފައި ވަނީ ރަޝީއާ އާއި އިންޑިއާ އަދި ޖަރުމަނު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުން އެންމެ ކުރިން ރަޝިއާ ޖާގަ ހޯދާފައި ވަނީ 120،514 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްގެންނެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާއިން ވަނީ މި އަހަރުތެރޭ ޖޫން މަހުގެ 23 އާ ހަމައަށް 89،599 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. އަދި ޖަރުމަނުން ވަނީ 27،151 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

މިލިސްޓުގައި ބާކީ ތިބި 7 ގައުމަކީ، ޔޫކްރެއިން، ޔޫއެސްއޭ، ކަޒަކިސްތާން، އާއި އިންގިރޭސި ވިލާތެވެ. ހަމައެއާއެކު އެ ލިސްޓުގައި ރޮމޭނިއާ، ފްރާންސް އަދި ޗެކް ރިޕަބްލިކް ވެސް ހިމެނެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައި ތިން ގައުމުގެ ތެރޭގައި ހިމެނެނީ، އިންޑިއާ، ރަޝީއާ އަދި ޔޫކޭއެވެ. 2019 ވަނަ އަހަރު އެ ލިސްޓުގެ އެނެމް ކުރިން ޖާގަ ހޯދާފައި ވަނީ، ޗައިނާ، އިންޑިއާ އަދި އިޓަލީއެވެ.