ރަހީނު ކުރި 13 އަހަރުގެ ފިރިހެން ކުއްޖަކު ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ބަޔަކު 13 އަހަރުގެ ކުއްޖަކު ރަހީނު ކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މި ދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކުއުްޖާގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު 2:38 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާ ފެނުނީ ހުޅުމާލެ ފޭސް 2 ގެ މޫދަށް ފޮއްޓަކަށް ލާ އެއްލާލައިފައި އޮއްވައެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެމީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށާށް ގެންގޮސްފައެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.