ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރަސްމީ ގެކޮޅު ހަމަޖައްސަން މަޖިލީހުގެ ދެ ގާނޫނަކަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި "ރަސްމީ ގެކޮޅު" ގެ ބަދަލުގައި "ދިރިއުޅުއްވާނެ ތަނެއް" މި ގޮތަށް ބަދަލުކުރުން ހިމެނެ އެވެ. ބިލުތަކަށް ގެނައި އަނެއް ބަދަލަކީ އެ ތަނުގައި އުއްތަމަ ފަނޑިޔާރު އަދި މަޖިލީހުގެ ރައީސްގެ އަރިހުގައި ދިރިއުޅުއްވޭނެ ބޭފުޅުން ކަނޑައަޅާފައިވާ މާއްދާ އަށް އަަކުރެއް އިތުރުކޮށް އެކަން އިތުރަށް ތަފުސީލު ކުރުމެވެ.

ސަރުކާރުން ބިލުތައް ހުށަހެޅި އިރު އޮތީ އުއްތަމަ ފަނޑިޔާރު އަދި މަޖިލީހުގެ ރައީސް ގެ ވެސް ބޭފުޅުންނާއި މައިންބަފައިން އަދި އަނބި/ފިރިންނަށް ގެކޮޅުގައި ދިރިއުޅުއްވޭނެ ކަމަށެވެ. ކޮމިޓީން އިތުރުކުރި އަކުރުގައި އޮތީ އުމުރުން 18 އަހަރު ނުވާ ބޭފުޅުންނާއި 18 އަހަރު ފުރުނު ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންނާއި ކައިވެނި ނުކުރައްވާ ބޭފުޅުންނަށް ވެސް ގެކޮޅުގައި އުޅުއްވޭނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެބިލު ވެސް ފާސްކުރީ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެ ދެ ބިލު ދިރާސާކޮށް ނިންމި ގޮތަށެވެ. އެ ދެ ބިލު ވެސް ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

ރިޕޯޓް ހުށަހަޅުއްވަމުން 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެގޮތަށް ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅާ ބެހޭ ގޮތުން ގާނޫނުގައި އޮންނަ މާއްދާ އާ އެއްގޮތް ކުރުމަށް ކަމަށެވެ.

މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަދިނުމަށް ރައީސް ނިންމާފައި މިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.