2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެންމަތިވެ މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންގެ، ބިލިއަނަކަށް ވުރެ ޑޯޒް، އެ ގައުމުގެ އެކި ހިސާބުތަކުގައި ބޭނުން ކޮށްފައި ވާ ކަމަށް، ޗައިނާގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

ޗައިނާގައި ބިލިއަނަކަށް ވުރެ ގިނަ ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައި ވާ ކަމަށް، އެ ގައުމުން އޮފިޝަލުން ވިދާޅުވާއިރު، މިއީ މިހާތަނަށް މުޅި ދުނިޔޭގައިވެސް ޖެހި ކޮވިޑް ވެކްސިން ޑޯޒްތަކުގެ 3 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ އަދަދެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ޗައިނާގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމުގެ ކެމްޕޭން ފަށާފައި ވަނީ، އެގައުމުގައި ބަލި ކޮންޓްރޯލް ކުރުން ކާމިޔާބު ވާން ފެށި ހިސާބުންނެވެ. ނަމަވެސް، އެގައުމުން ވެކްސިން ޖެހި މީހުންގެ އަދަދު ރެކޯޑް އަދަކަށް އިތުރުވާން ފެށީ، ވެކްސިން ޖަހާ މީހުންނަށް ހަދިޔާ ގޮތުގައި ހިލޭ، ކުކުޅު ބިސް ބަހަން ފެށުމުންނާ، އިންޑިއާގައި އުފެދުނު ޑެލްޓާ ވޭރިއަންޓް ފެތުރިދާނެ ކަމުގެ ބިރު، އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް ޗައިނާގެ ސަރުކާރުން އަމާޒު ހިފާފައި ވަނީ، ކުރިއަށް އޮތް ޖުލައި މަސް ފެށެން ވާއިރަށް، އާބާދީގެ 40 ޕަސެންޓުގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށެވެ.

ޗައިނާގެ ކޮވިޑް ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ އެ ގައުމުގައި ތަރައްގީކޮށް، އުފައްދާފައިވާ ވެކްސިންތަކެވެ. އޭގެ ތެރޭގައި، ސީނޯފާމްއާއި ސީނޯވެކް ކޮވިޑް ވެކްސިން ހިމެނެއެވެ. މިއިން ކޮންމެ ބްރޭންޑެއްގެ ކޮވިޑް ވެކްސިންވެސް ފުރިހަމަ ވަނީ 2 ޑޯޒް ޖެހުމުންނެވެ.