އެ ބަލީގެ އަސްލަކީ ކޮބައިކަން، އަދާ ޖެހުނު އިރުވެސް ފުރިހަމައަށް ދެނެގަނެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން، އަވަށްޓެރި އިންޑިއާގެ ޒުލަކުން، 2 ވަނަ ސިންގާއެއް މަރުވެއްޖެއެވެ.
މީގެ އިތުރުން، އަދި 10 ސިންގާއެއް މި ބައްޔަށް ޕޮޒިޓިވްވެ، ފަރުވާ ކުރަމުން އަންނަ ކަމަށްވެސް ހަބަރު ލިބެއެވެ. އަދި އަވަށްޓެރި ސްރީލަންކާއިންވެސް ވަނީ ސިންގާއެއް ކޮވިޑަށް ޕޮޒިޓިވްވެ، އިންޑިއާގެ އެހީއަށް އެދިފައި ކަން ފާހަގަ ކުރަން ޖެހެއެވެ.
މިއާއެކު، ޒޫތަކުގައި ކޮވިޑްގެ ނުރައްކާ ބޮޑުވެފައި ވާ ކަން މިވަނީ ހާމަވެފައެވެ.
ކޮވިޑް ޖެހިގެން އެންމެ ފަހުން މަރުވި ސިންގާއަކީ ބަލީގެ އާލާމަތްތައް ފެންނަމުން ދިޔަ ސިންގާއެކެވެ. އެގޮތުން ކެއްސުމާއެކު، ކެއުމާ ދުރުވުން ފަދަ އަލާމާތްތައް ފެނުނުކަމަށް ހަބަރު ލިބެއެވެ.
މިދިޔަ މަހުވެސް އިންޑިއާގެ ޒުލަކުން ސިންގާތަކެއް ކޮވިޑަށް ޕޮޒިޓިވްވިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު، ބުޅާ އާއިލާއަށް ނިސްބަތްވާ މިނިކާވަގުވެސް ކޮވިޑަށް ޕޮޒިޓިވްވެފައި އެބަހުއްޓެވެ.
ކޮވިޑް-19 އަކީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ވާރުތަ ވި ވައިރަހެއް ކަމަށް އެއް ނަޒަރިއްޔާ ބުނާއިރު، މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރީ ވާލެއް ކަމަށް ބައެއް ހޯދުންތަކުން ވަނީ ދައްކާފައެވެ. ނަމަވެސް، ކޮވިޑް-19 ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް-2 (ސާސްކޮވް-2)ގެ އަސްލަކީ ކޮބައިކަން އަދިވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ.