ކުރީގެ ކަރުދާސް ނޫޓު އާ ނޫޓަށް ބަދަލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އިލްތިމާސްކޮށްފިއެވެ.

މިހާރު ރާއްޖޭގަިއ ބޭނުން ކުރާ ކަރުދާސް ނޫޓަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓެވެ. އެ ކަރުދާހުގެ ގޮތުގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައި ވަނީ ޖެނުއަރީ، 26، 2016 ގައެވެ.

ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތައް ބަދަލު ކުރުމަށް އެމްއެމްއޭއިން ވަނީ ދިގު މުއްދަތެއް ދީފައެވެ. އަދި މި ނޫޓުތައް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ. އެމްއެމްއޭއިން ބުނީ ޖުލައި 31 ގެ ފަހުން، ކުރިން ބޭނުން ކުރި ކަރުދާސް ނޫޓުތައް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ކޮވިޑް19ގެ ސަބަބުން އެމްއެމްއޭއިން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ވެސް އެޕޮއިންޓްމަންޓް އުސޫލުން ކުރިއަށް ގެންދާއިރު، ކަރުދާސް ނޫޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ވެސް އެޕޮއިންޓްމަންޓް ހައްދައިގެން ފައިސާ ބަދަލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް އައިޑީކާޑު ނަންބަރާއި، ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ނަންބަރާއި ބޭނުންވާ ހިދުމަތެއް ލިޔުމަށް ފަހު 7919292 އެސްއެމްއެސް ނުވަތަ ވައިބާ ކުރުމުން އެޕޮއިންޓްމަންޓް ހަމަޖެހޭނެއެވެ.

ރަންދިހަ ފަހެއްގެ ނޫޓުތައް

ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައި ވަނީ "ރަންދިހަ ފަހެއް" ނޫޓް ސީރީޒް ބޭނުން ކުރަން ފެށުމާ ގުޅިގެންނެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ ރަންދިހައެއްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ހިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ އަދި ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކަކީ އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭ ގޮތަށް ފަރުމާކޮށްފައިވާ ނޫތްތަކެކެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނަ އިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއް ނޫނެވެ. ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ލޮލަށް ނުފެންނަ ފަރާތްތަކަށް އެ ނޫތް ދެނެގަނެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ނޫޓުތަކެކެވެ.