އެސްޓްރާ ޒެނެކާގެ އުފެއްދުމެއް ކަމަށް ވާ ކޮވިޑް19 ވެކްސިން އެސްޓްރާޒެނެކާ ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

އެމްއެފްޑީއޭ އިން ބުނީ މި ވެކްސިނަށް މިއަދު ހުއްދަ ދީފައި ވާނީ މިހާރުއޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން" ގައި ބޭނުން ކުރުމަށާއި، އުމުރުން 18 އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށް ކަމަށެވެ.

މިއާއެކު ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ މިވަނީ 7 ވެކްސިނަކަށް ދީފައެވެ. މި ވެކްސިން އަކީ ޑަބްލިއުއެޗްއޯގެ އެމްޖެންސީޔޫސް ލިސްޓުގެ ހިމެނޭ 115 ގައުމަކުން މިހާތަނަށް އެމްޖެންސީ އެޕްރޫވަލް ލިބި ބޭނުން ކުރަމުންދާ ވެކްސިނެކެވެ.

އެމްއެފްޑީއޭއިން ބުނީ ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައި ވާނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކު ކަމަށެވެ.

މި ވެކްސިން ބަހައްޓަންޖެހެނީ 2 ޑިގްރީ ސެލްސިއަސްއާ 8- ޑިގްރީ ސެލްސިއަސްއާ ދެމެދު ފިނިމިނެއްގައި ކަމުން އެމްއެފްޑީއޭއިން މި ވެކްސިނަށް ހުއްދަ ދީފައި ވަނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށް ފަހު ކަމަށާއި ވެކްސިން އެތެރެކުރުމަށް ފަހު އެ ހިފާ ގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައި ވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އަދި އެމްއެފްޑީއޭއިން އާ މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މިދެ ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓާކުރަމުން ގެންދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އަދި އާންމު ގޮތެއްގައި ކޮންމެ ވެކްސިނެއް ބޭނުން ކުރުމުންވެސް ކޮންމެވެސް ވަރެއްގެ ރިއެކްޝަނެއް އަންނަތީ މި ވެކްސިން މީހުންނަށް ޖެހުމަށް ފަހު ދިމާވެދާނެ ކަންކަން ބަަލަމުން އަންނާނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެއެވެ.