ސްކޭމް ކޯލްތައް އިންތިހާއަށް އިތުރުވެފައިވާ އިރު، އެކަކުގެ ނަމުގައި 800 ވަރަކަށް ނަންބަރު ގެންގުޅޭ ކަމަށް ކަމަށް ފުލުހުން ބުނެފިއެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު އަދި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ، މަކަރާ ހީލަތުން މީހުން އަތުން ފައިސޯ ހޯދުމާއި އެނޫންވެސް ކަންކަމުގައި ގިނަ އަދަދެއްގެ ސްކޭމް ކޯލްތައް ކުރާ ކަމަށާއި، އެފަދަ ގިނަ ކޯލުތައް ކުރަނީ ޖަލުން ކަމަށެވެ. އަދި އެ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމާއި އެކަކުގެ ނަމުގައި 800 ވަރަކަށް ނަމްބަރު ނަގާފައި އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.
އަލީ ފާއިޒާއި ނާހިދު އިތުރަށް ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅަމުން ދާ މައްސަލަތައް ފެންމަތިވެފައި ވާއިރު މާފުށީ ޖަލުގެ އިތުރުން މިހާރު ޅ. އަތޮޅާއި ލ. އަތޮޅު އަދި އައްޑު އަތޮޅުގައިވެސް އެކަން އިތުރުވަމުން ދާކަމުގައި ފުލުހުން ފާހަގަ ކުރެއެވެ. އަދި އެކަމުގައި ހަރަކާތްތެރިވަމުން ދަނީ ޖަލުން މިނިވަން ވެފައިވާ މީހުން ކަމުގައިވެސް ފުލުުން ބުނެއެވެ. ފުލުހުން ބުނީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައާއި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމަށް ދަތިތަކެއް ދިމާވެފައި ވާ ކަމަށާއި އެފަދަ މައްސަލަތަކުގައި ފައިސާ އަނބުރާ ހޯދެނީވެސް މަދު މައްސަލަތަކެއްގައި ކަމަށެވެ.
ފުލުހުން ބުނީ ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާ އިރު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ދެނެގަތުމަށާ އަދި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ، ސްކޭމް ކޯލްތަކާއި މަކަރާ ހީލަތުގެ އެކިއެކި ކަންކަމުގެ ތެރެއިން، މީހުންނަށް ޑޮލަރު ހޯދައިދީ ޑޮލަރު މާރު ކުމުގެ މުއާމަލާތްތަކު ތެރެއިންވެސް ގިނަ އަދަދެއްގެ ފައިސާ އަތުލަމުން ދާ ކަން ފާހަގަ ވެފައި ވާ ކަމަށެވެ. އެގޮތުން ވައިބާ އަދި ޓެލެގްރާމް ގްރޫޕްތަކުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދާކަމާއި ޑޮލަރު ދޭނެ ކަމަށް ބުނެ ދިވެހި ރުފިޔާ އަތުލުމަށް ފަހު ޑޮލަރުގެ މުއާމަލާތްތަކާ ގުޅުން ހުރި 72 މައްސަލައެއް މި ވީ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށާއި އެ މައްސަަތަކުގައި 1.4 މިލިއަން ރުފިޔާގެ ގެއްލުން އެކި މީހުންނަށް ވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އަށް ހައްލެއް ލިބެން އޮތީ، މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ނަންބަރު ދޫކުރުމުގައި މިހާރަށް ވުރެ ހަރުދަނާ އުސޫލެއް ގެންގުޅެގެން ކަމަށެވެ.
މިހާގިނަ ނަންބަރު ނަގައިގެން ބަޔަކަށް މަކަރު ހެދުމުގެ ފުރުސަތު ހޯދައި ދިނުމަކީ މަކަރުގައި ބައިވެރިވުން ނޫންތޯ. މިކަހަލަ ކަންކަން ނުބެލޭވަރާ އަޅާބަލާއިރު މުޖުތަމައުގައި ކުއްކުރުން ވަރައް މަދު ނަސީބަކުން
އެއް ބިދޭސީއެއްގެ ނަމުގައި ތިއަވަރަށް ނަމްބަރު އޮންނާނީ ބަޔަކު އެވަރަށް ނަމްބަރު ދޫކުރީމަތާ ދުނިޔޭގެ ގައުމުތަކުގަ ތިއަގޮތައް ހިތައްއެރިހާ ވަރަކަށް ވަތޮނީންނަށްވެސް ނަމްބަރު ދުލެއް ނުކުރޭ