ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓަރީ އިންކުއަަރީ އަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އަނެއްކާ ވެސް ހާޒިރު ކޮށްފިއެވެ.

މީގެ ކުރިން މި މަހުގެ 6 ވަނަ ދުވަހު ވެސް އޭނާ ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މިއަދުވެސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް 241 ކޮމިޓީއަށް ހާޒިރުކޮށްފައި ވާކަމަށާއި އެއީ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް އެ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަަރީއަށް މައުލޫމާތު ހޯދުމަށް ކަމަށެވެ. އެ ގޮތުން މިއަދު ވެސް އެ ކޮމިޓީއަށް އަބްދުއްރަހީމާ ސުވާލުކޮށްފައިވާ ކަމަށް މަޖިލީހުން ބުނެއެވެ.

އެ ކޮމިޓީން ގެންދާ މި ބައްދަލުވުންތައް ގެންދަނީ ސިއްރު ކޮށްގެންނެވެ. މިހާތަނަށް އެ ބައްދަލުވުމަށް ގިނަ ސިފައިންނާއި ޕޮލިހުން އަންނަނީ ހާޒިރުކޮށް ސުވާލު ކުރަމުންނެވެ. އެ ގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް އާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވަނީ ހާޒިރު ކޮށްފައެވެ. ހަމައެއާއެކު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ކާނަލް ނަސްރުﷲ އިބްރާހިމް އާއި، ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ހަޒީރު ކޮށްފައެވެ.

މީގެ އިތުރުން ވެސް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ ކޮމިޓީއަށް ހާޒިރު ކޮށް ސުވާލު ކޮށްފައެވެ. އެ ގޮތުން މާލޭ ސިޓީގެ ކުރީގެ މޭޔާ ޝިފާ މުހައްމަދާއި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، މުހައްމަދު އަސްލަމްގެ އިތުރުން ހޯމް މިނިސްތަރު އަބްދުﷲ އިމްރާނާއި ގަވަރުނަރު އަލީ ހާޝިމް ވެސް ވަނީ އެ ކޮމިޓީއަށް ހާޒިރު ކޮށްފައެވެ.