ސްކޭމް ކޯލްތައް ކޮށް މަކަރާ ހީލަތުން ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އެކި މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ރެކޯޑު ކުރެވިފައިވާ ކޭސްތަކުން 7.4 މިލިއަން ރުފިޔާ އަތުލާފައި ވާކަން އެނގިފައި ވާއިރު، އެ ހުރިހާ ފައިސާއެއްވެސް އަތުލާފައި ވަނީ އެކި މީހުންނަށް ގުޅާ ސްކޭމް ކޯލުތަކުންނާއި މަކަރާ ހީލަތުގެ އެކިއެކި އުކުޅުތައް ބޭނުންކޮށްގެން ކަމަށެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ، އެ މީހާ އަކީ ކާކުކަން ނޭގި މަގުމަތިން އޭޓީއެމް ކައިރިން ވެސް މީހުންނަށް އޮޅުވާލާައި ފައިސާ އަތުލުގެ އަމަލުތައް ހިންގާފައި އެބަހުރި ކަމަށެވެ.
މީގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގައި އެޅި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން މިފަދަ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން، އެންމެ ގިނައިން ހުށަހަޅާފައި ވަނީ ތަކެތި ގަތުމަށް ފަހު، ފޭކް ސްލިޕް ފޮނުވާ މައްސަލަ ތައްކަމަށް ވެއް ފުލުހުން ވަނީ ބުނެފައެވެ.
ސްކޭމް ކޯލްތަކުގެ އިތުރުން ފިހާރަ ތަކަށް ގޮސް ވިޔަފާރިކޮށް ހަދާ މަކަރުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު ވިދާޅުވީ، މިފަދަ މައްސަލަތަކުގެ ތަހުގީގު ކުރުމުގައި ވެސް ނިޒާމް އޮންނަ ގޮތުން ވަރަށް ބޮޑެތި ދަތިތަކަކާއި ދިމާވާކަމަށެވެ. އަލީ ފާއިޒް ވިދާޅުވީ، ނިޒާމު އޮންނަ ގޮތުން ހަމައެކަނި ފުޓޭޖެއް ބަލައިފައި އެ ފަދަ އަމަލުތައް ހިންގާ މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވެން ނޯންނަ ކަމަށާއި ދައުވާ ކުރަން ފޮނުވާ ނަމަ އެއާ ގުޅުންހުރި ބައިވަރު ކަންކަން ހޯދަން ޖެހޭ ކަމަށެވެ. އަދި އެފަދަ ހީލަތުގެ ފައިސާ އަނބުރާ ހޯދުމަކީ ވެސް ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕޮލިހުން ބުނީ 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި އެ އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މީޣެ އިތުރުން މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައި ވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ވެއެވެ. އަދި އެގޮތަށް ފައިސާ އަތުލަމުން ދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެން ކަމުުގައި ފުލުހުން ބުނެއެވެ.