ހަރުކަށި ފިކުރުގެ މީހެކޭ ބުނެވޭނަމަ އިސްލާމްދީނާ ދެކޮޅު މީހެކޭ ނުބުނެވޭންވީ ސަބަބެއް ނެތް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން އެހެން ވިދާޅުވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެންނެވެ.

އެގޮތުން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމަކާ ދިމާލަށް ހަރުކަށި ފިކުރުގެ މީހެކޭ، އެކްސްޓްރީމިސްޓެކޭ، ޓެރެރިސްޓެކޭ ބުނެވޭނަމަ އަނެކާއާ ދިމާލަށް ތިޔައީ އިސްލާމްދީނާ ދެކޮޅު މީހެކޭ ނުވަތަ އިސްލާމްދީނާއި ހިލާފަށް އަމަލުކުރާ މީހެކޭ ނުބުނެވޭންވީ ސަބަބެއް ނެތް ކަމަށެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.