ޔަހޫދީ އިޒްރޭލުގެ ބާރުތަކުން، އަލް-އަގްސޯ މިސްކިތުގެ ގޯތި ތެރެއާއި މިސްކިތަށް ވަދެގަނެ، އެތަނުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ކުރިމަތިލައިފިއެވެ.

މި ކުރިމަތިލުމުގައި ފަލަސްތީނުގެ 3 މީހަކު ޒަހަމް ވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ކުރިމަތިލުން ހިންގާފައި ވަނީ، ކީރިތި ރަސޫލާ صلى الله عليه وسلم އަށް އިޒްރޭލުން ފުރައްސާރަ ކުރުމުން، އެކަމާ ދެކޮޅަށް، ހުކުރު ނަމާދަށް ފަހު، ރެލީއެއް ކުރިއަށް ގެންދަން ތައްޔާރު ވަމުން ދިޔަ ވަގުތުގައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަށް އިޒްރޭލުން ފުރައްސާރަ ކޮށްފައި ވަނީ، މިދިޔަ އަންގާރަ ދުވަހު، ޔަހޫދީން ކުރިއަށް ގެންދިޔަ ހިނގާލުމުގައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ހަމަލާދީފައި ވަނީ، އަލް-އަގްސޯ މިސްކިތަށް ޖަމާވެ، ރެލީއަށް ތައްޔާރު ވަމުން ދަނިކޮށެވެ. އަގްސޯ މިސްކިތުގެ ގޯތި ތެރޭގައި އެތައް ހާސް ބަޔަކު ތިބި އިރު، އިޒްރޭލުގެ ބާރުތަކުން ހަމަލާ ދިނުމަށް ބޭނުން ކޮށްފައި ވަނީ ރަބަރު ކަވަރު އަޅުވާފައި ވާ ސްޓީލް ބުލެޓާއި، ކަރުނަ ގޭހުގެ އިތުރުން ސްޓަން ގްރެނޭޑް ކަމަށް މައުލޫމާތު ލިބެއެވެ.

އަގްސޯ މިސްކިތުގައި ތިބި މުސްލިމުންނަށް އިޒްރޭލުން ހަމަލާ ދީފައި މިވަނީ، ވައިގެ މަގުންވެސް ދެ ފަހަރެއްގެ މަތިން ގައްޒާއަށް ހަމަލާ އަމާޒު ކޮށްފައި ވާ ދަނޑިވަޅެއްގައެވެ.

ނިމިދިޔަ ހަފުތާގެ ކުރީކޮޅު އިޒްރޭލުގައި އެކުލަވާލި އާ ސަރުކާރަކީ، ކުރީގެ ސަރުކާރާ ތަފާތު ވާނެ ސަރުކާރެއް ނޫން ކަމަށް ފަލަސްތީނުން ދަނީ ބުނަމުންނެވެ.