2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ވޫހާން ސިޓީއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރަން ފެށި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު، 4 މިލިއަންގެ ފާހަގަ ހުރަސް ކޮށްފިއެވެ.

ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު، މި ދަނޑިވަޅަކީ، ބަލިން ދިފާއުވާން ތަރައްގީ ކޮށްފައި ވާ ވެކްސިންގެ ޑޯޒްތައް ލިބުމުގެ ދަތިކަންވެސް، ގިނަ ގައުމުތަކަކަށް ކުރިމަތިވެފައި ވާ ދަނޑިވަޅެއް ކަން ފާހަގަ ކުރަންޖެހެއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ދަށް ކުރެވިފައި ވީ ނަމަވެސް، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ސަބަބުން، ދުނިޔޭގެ އެހެން ހިސާބުތަކަށް ވަނީ، ބަލި ކޮންޓްރޯލް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ރޮއިޓާޒްއިން އެކުލަވާލާފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން އެންމެ ފުރަތަމަ 2 މިލިއަން މީހުން މަރުވީ އަހަރަކަށް ވުރެ ފަހުންނެވެ. ނަމަވެސް 2 މިލިއަނުން 4 މިލިއަނަށް، މަރުގެ ކޭސް ނަންބަރު އަރާފައި ވަނީ އެންމެ 166 ދުވަހުގެ ތެރޭގައި ކަން ފާހަގަ ކުރަން ޖެހެއެވެ.

މިހާތަނަށް، މަރުގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ބްރެޒީލް، އިންޑިއާ އަދި ރަޝިއާއާއި މެކްސިކޯ ހިމެނެއެވެ. މި ގައުމުތަކަކީ، ދުނިޔޭގެ ނިސްބަތުން ކޮވިޑް-19ގެ މަރުގެ، ގާތްގަނޑަކަށް 50 ޕަސެންޓް ހިއްސާ ކުރާ ގައުމުތަކެވެ. ގައުމުގެ އާބާދީގެ ނިސްބަތުން ބަލާއިރު، މަރުގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކޮށްފައި ވާ ގައުމުތަކުގެ ތެރޭގައި، ޕޭރޫ، ހަންގޭރީ، ބޮސްނިއާ، ޗެކް ރިޕަބްލިކް އަދި ޖިބްރާލްޓާ ހިމެނެއެވެ.

7 ދުވަހުގެ އެވަރޭޖަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސްތައް ރިޕޯޓް ކުރަނީ އިންޑިއާ އަދި ބްރެޒީލުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ރިޕޯޓް ކޮށްފައި ވާ ކޮވިޑް މަރުތަކަށް ބަލާއިރު، ކޮންމެ 3 ކޭހަކުން 1 ކޭސް ހިއްސާ ކުރަނީވެސް އިންޑިއާއިންނެވެ.

ކަން މިހެން އޮތް އިރު، ކޮވިޑް ޖެހިގެން މަރުވި މީހުންގެ ހަގީގީ އަދަދުތައް މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ގަބޫލު ކުރައްވައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ހުސްވި މަހު ވަނީ މިފަދަ އިޝާރާތެއް ކޮށްފައެވެ.