އަފްގާނިސްތާނު ޖަލުގައި ހައްޔަރުކޮށްފައި ތިބި ކ.މާލެ، މ.މޫންލައިޓްވެލީ، އަލީ ޝާފިއު އާއި އޭނާގެ އަނބިމީހާގެ އިތުރުން އެމީހުންގެ 4 ދަރިންނަށް ދިވެހި ފުލުހުން އަފްގާނިސްތާނަށް ގޮސް އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާ މެދު، މީހުންގެ މެދުގައި ނަފްރަތު އުފައްދައި، އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓްތައް ކުރަމުންދާ މީހުންގެ މައްސަލަތައް ތަހުގީގު ކޮށް އެމީހުންނާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ އިތުރުން އެފަދަ ހަގީގަތާ ހިލާފު ވާހަކަތަކަށް ހިތްވަރުދޭ ފާރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެމީހުންނާމެދު ވެސް ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ ދެމަފިރިންނާއި 4 ދަރިން އަފްގާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ނޮވެންބަރު 18، 2018 ވަނަ ދުވަހު ލިބިފަިއވާ ކަމަށެވެ. ނަމަވެސް އެގެ ކުރިން އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައުލޫމާތު ލިބުމާއެކު އަފްގާނިސްތާނުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު ތެރޭގައި އަފްގާނިސްތާނަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ކަންކަމާ ގުޅޭ ތަފްސީލުތައް ޑިސެންބަރު 3، 2019 ވަނަ ދުވަހު ނެރުނު ނޫސްބާޔާނެއްގައި އާންމުކޮށްފައި ވާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އެ ދެމަފިރިންގެ މައްޗަށް އަފްގާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ކުރިން ފުލުހުް ވާނީ އާންމުކޮށްފައި ކަމަށް ބުނެއެވެ.
އަދި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ފުލުހުން ބުނެއެވެ.