އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފްރަތުގެ އަމަލު ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުން ގާނޫނުލްއުގޫބާތަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިންއެވެ.

ސަރުކާރުން ހުށަހެޅި މިބިލަށް އާންމުންގެ ގިނަބަޔަކާއި ދީނީ އިލްމުވެރިންނާއި އެކި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު ސަރުކާރުން އޮތީ ދުރުގައި ބަލަހައްޓައިގެންނެވެ. އެ ބިލް ހުށެހެޅުއްވި މެންބަރަށް އަމާޒްކޮށް ސޯޝަލް މީޑިއާގައި "ހިސާން ބިލް"، "ލާދީނީ ބިލް"، "ނަފްރަތުގެ ބިލް" ގެ ނަމުގަޔާއި އެކި ފާޑުކިޔުންތައް އަމާޒުވަމުން ދާ އިރުވެސް ސަރުކާރުން އެއަށް އެއްވެސް ރައްދެއް ދީފައި ނުވެއެވެ.

ބިލާ މެދު ކަންބޮޑުވުން ފަޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެނަމަ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުން ގާއިމު ކުރުމަށް ހުރަސް އެޅުމާއި، އިޖުތިމާއީ ހާލަތު އިތުރަށް ގޯސްވެ ސުލްހަ މަސަލަސްކަން ގެއްލިދާނެ ބައެއް ކަންކަން ހުރިކަމަށެވެ.

އެހެންނަމަވެސް މި ބިލު ހުށައަޅުއްވަމުން ހިސާން ވަނީ މި ބިލް ހުށައެޅުއްވީ ރާއްޖޭގައި އިސްލާމްދީން ނައްތާލައި ޣައިރުދީންތަކަށް މަގުފަހިކުރުމަށް ކަމަށް ބުނުމަކީ ހަގީގަތެއް ނޫންކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމު ދީންކަން ގާނޫނު އަސާސީގައި ކަނޑައެޅީ މުސްލިމަކަށް ވެގެން މެނުވީ ދިވެހިރައްޔިތަކަށް ވެސް ނުވެވޭނެތީ ކަމަށާއި، ރާއްޖޭގައި މި ނޫން ގޮތެއް ވުމަކަށް ދިވެހީންނެއް ނޭދޭނެކަމަށް ވެސް ބަހުސް މަރުހަލާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވެފައިވެއެވެ.

ކޮންމެހެން ބިލެއް ނެތިއްޔާ ނޭނގޭތަ؟

އަގީދާއާއި ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ކަމަށް ބުނެ ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ކޮންމެހެން ބިލެއް ހުށަހަޅަންޖެހޭތޯ އެއީ އުފެދޭ ސުވާލެކެވެ. ސަބަބަކީ ގާނޫން އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރެވެ. މިމާއްދާގެ (ށ) ގައި ބުނަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާއި ހިލާފް އެއްވެސް ގާނޫނެއް ނެހެދޭނެ ކަމަށެވެ.

މި ބިލާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ އިންސާނާގެ ލެއަކީ ހުރުމަތްތެރި ވެގެންވާ އެއްޗެއް ކަމަށާއި މީހަކު މަރަން ގޮވައި މީހެއްގެ ފުރާނަ ނުރައްކަލެއް ހުށަހެޅޭ އަމަލެއް ހިންގުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އަދި މި ބިލު ހުށަހެޅުގެ އެންމެ ބޮޑު ބޭނުމަކީ ގާނޫނުގެ ބޭރުން މީހުން މެރުން ފަހަކަށް އައިސް އިތުރުވެ އެކަމުގެ ނުރައްކާ ބޮޑެވެފައި ވާތީ ކަމަށާއި މިއީ ދިވެހިން އެދޭ ކަމެއް ނޫންކަން ވެސް ހިސާން ފާހަގަ ކުރެއްވިއެވެ.

"ދައުލަތެއްގެ ސިފައިގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ތަރުތީބުވެފައިވާ އިޖުރާއަތުތަކެއްގެ ތެރެއިން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް. ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތަރަހައިގެ ތެރޭގައި. އެހެންކަމުން، އެއިޖުރާތުތަކުގެ ތެރެއިން، ކުށް ކަޑައެޅުމާއި، ކުށްވެރިކުރުމާއި، ކުށުގެ މައްސަލަ ބެލުން، އެއީ ދައުލަތުން ކުރާ މަސައްކަތެއް. އެކަންކަން ކުރަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުން ވާނީ، ނިޒާމް ގެއްލި، ގާނޫނު އަތްމައްޗަށް ނަގައި، މުޅި މުޖްތަމައުގެ އަމަންއަމާންކަން ގެއްލިގެން ދާނެކަމަކަށް"
ހިސާން

އިސްލާމްދީނާއި އިދިކޮޅުއަމަލުތައް ބަޔާންކޮށް ކުށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެސް މީހަކު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާނަމަ އެމީހާ އެކުރަނީ ކުށެއް ކަމަށެވެ. އެގޮތުން އެމާއްދާގެ (ހ)ގައި ބުނެފައިވަނީ؛

  1. މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރުކުރުން ނުވަތަ.
  2. އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުން ނުވަތަ،
  3. ދިވެހިރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ،
  4. އަޅުކަންކުރަން ގެންގުޅޭ ބުދު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ،
  5. ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުން.

ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މުތުލަގަށް ކުށް ބަޔާން ކޮށްފައި ވާއިރު ހިސާން ވިދާޅުވަނީ އޭނާ ބިލު ހުށަހެޅުއްވީ އެކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް ކަމަށެވެ. ނަމަވެސް ހަރުދަނާ ކުރައްވާ ވަކި ކަމެއް މުޅިން ސާފު ނުވާއިރު، ގާނޫނު އަސާސީއާއި ގާނޫނުލްއުގޫބާތުގައި މިބިލްގައި މިވާ ކަންކަން ކަނޑައެޅިގެން ސާފު އިބާރާތުން އޮތް ކަމަށާއި އެ ބިލަކީ އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީއާ ވެސް ހިލާފަށް ހުށެހެޅިގެން އުޅޭ ބިލެއް ކަމަށް ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއެވެ.

"މުޖްތަމައުގައި ހުރި މައްސަލަތައް ހައްލެއް ނުކުރެވޭނެ މިބިލަކުން. މިބިލުގެ ހަގީގީ މަގްސަދަކީ ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުން. އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް މިބިލުގެ ސަބަބުން ހިއްވަރު ލިބިގެންދާނެ"
އަލީ ހުސައިން

ބިލް ބަލައިގެންފި، ގިނަ ބަޔަކު ގޮވަނީ ފާސްކުރުމާ ދެކޮޅޭ!

ޖޫން 15 ވަނަ ދުވަހު ރައްޔިތުންގެ މަޖުލީހުން ވަނީ އެބިލް ބަލައިގަތުމަށް ފާސްކޮށް، ކޮމިޓީއަށް ފޮނުވައިފައިވައެވެ. މި ބިލު ހުށަހެޅި ހިސާބުން އާންމުންގެ އެތައް ބަޔަކާއި ދީނީ އިލްމުވެރިންވެސް ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. މިބިލާމެދު ކަންބޮޑުވުން ފާޅު ކުރައްވަމުން ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހު އަލީ ޒައިދު ވިދާޅުވީ މި ބިލް ހުށައެޅުމާއެކު ބިލްގެ ހަގީގީ މަގުސަދާއި ބިލު ފާސްކޮށް ގާނޫނަކަށް ވެއްޖެނަމަ އެކަމުން ނުކުމެދާނެ ވަރަށް ނުރައްކާތެރި ބޮޑެތި މައްސަލަތަކެއް ހުންނާނެ ކަމަށެވެ. އަދި ބިލުގެ ފުރަތަމަ ދެބައަކީ މުޅިން އިންކާރު ކުރައްވާ ދެބައިކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

"ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އުޅޭ. އެކަން ހުއްޓުވަންވެސް ޖެހޭ. އެކަން ހުއްޓުވުމުގެ ނަމުގައި އެހެންކަމެއްހެން އަޅުގަނޑަށް ހީވަނީ މިކުރަނީ މިބިލް ހުށަހަޅައިން. މިބިލުގެ ސަބަބުން ދީނާ ހިލާފަށް މަސައްކަތް ކުރާފަރާތްތަކަށް ވަރަށްބޮޑު މިނިވަންކަމެއް ލިބިގެންދާނެ"
ޒައިދު

ޒައިދުގެ އިތުރުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންވެސް ވަނީ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ދެކޮޅު ހަދާފައެވެ. އަދާލަތު ޕާޓީގެ އިތުރުން ކޯލިޝަން އަނެއް ބައިވެރިޔާ ކަމުގައިވާ ޖުމްހޫރީ ޕާޓީންވެސް ބުނެފައި ވަނީ، އެ ބިލު މަޖިލީހަށް ހުށަހެޅީ މަޝްވަރާ ކޮށްފައި ނޫން ކަމަށެވެ، އަދި ބިލާ ދެކޮޅުކަން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ އެތައް ކައުންސިލަކުން ގެންދަނީ އެ ބިލާ ފާޅުގައި ދެކޮޅު ހަދާ ބަޔާން ނެރެމުންނެވެ. ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ ތާއީދެއްވެސް އެބިލަކަށް ނެތެވެ. ވެރިކަން ހިންގާ އެމްޑީޕީގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންވެސް ބިލާ ދެކޮޅެވެ. ނަމަވެސް ބިލު ހުށަހެޅި މެންބަރާއި، އެމްޑީޕީގެ މަޖިލީހުގެ ގިނަ މެންބަރުންގެ އިތުރުން ސަރުކާރުގެ ތާއީދު ބިލަށް "ބޮޑުކޮށް" އޮތް ކަމަށް ފެނެއެވެ. ރާޢްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު ދެކޮޅު ނަމަވެސް އެ ބިލު ފާސްކުރުމަށް ފޫ ގަޅާ، މިޙާރު ބިލު ވަނީ އާންމުންގެ ހިޔާލަށް ހުޅުވާލާފައެވެ.