މާލޭ މަސްމާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކަށް އައިސް ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ މީހުން ޕްރޮޕޯސަލް ހުށަހެޅުމަށް އެދިއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގެ މަސްމާރުކޭޓުގައި މިހާރު އަށި މަތީގައި އައިސް ފަތުރައިގެން މަސްވިއްކުމުގެ ކަންކަން ހަމަޖެހިފައިވާ އިރު މަސްމާރުކޭޓުގައި މަސްވިއްކާ ފަރާތްތަކަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެގޮތުން މާރުކޭޓުގައި މަސް ވިއްކާ ފަރްތަތަކަށް އައިސް ފޯރުކޯށްދޭން ޝައުގުވެރިވާ ފާރާތެއް ހުރި ނަމަ އެކަމަށް އެދި އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ހުށަހެޅުމަށް ސިތީ ކައުންސިލުން ބުނެއެވެ.
ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަންނަ ޖެހޭ ކަންކަމުގެ ތެރޭގައި މަސްމާރުކޭޓް ތެރެއިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އެންމެ ކުޑަ އަގު ހިމަނަން ޖެހޭނެއެވެ. އަދި މެދުނުކެނޑި ކޮންމެ ދުވަހަކު ވެސް މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެހުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި ކައުންސިލުން ބުނެއެވެ.
ވީމާ އެކަމަށް އެދޭ ފަރާތްތަކުން އައިސް ވިއްކުމުގެ އިންތިޒާމް ރާވާ ހިންގާނެ ގޮތުގެ ތަފުސީލް ހިމެނޭ ޕްރޮޕޯސަލެއް މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ހުށަހެޅުމަށް ކައުންސިލުން ބުނެއެވެ.