އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ 6 ގާނޫނަކަށް އިސްލާހު ގެނައުމަށް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 150 ވަނަ މާއްދާގައި، އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތައް ފާހަގަކޮށް، ގެނައި 9 ވަނަ އިސްލާހަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އިސްލާހު ގެންނަން ޖެހޭ ގާނޫނުތައް ފާހަގަކޮށް ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

އެގޮތުން ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލާފައިވާ 6 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް މިއަދު ވަނީ ފޮނުވާފައި ކަމަށް އޭޖީން ބުނެއެވެ. އެ ގާނޫނު ތަކަކީ:

  1. ގާނޫނު ނަންބަރު 78/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު
  2. ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު
  3. ގާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު
  4. ގާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު
  5. ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު
  6. ގާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު

6 ބިލެއް މިއަދު ރައީސް އޮފީހަށް ފޮނުވާފައި ވާއިރު، އިއްޔެ އޭޖީން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ފޮނުވަން 19 ބިލެއް ހަމަޖެހިފައިވާ ކަމަށެވެ. މިއަދު ރައީސް އޮފީހަށް ފިނުވި 6 ބިލުގެ އިތުރުން، ހުރި ބިލިތަކުގެ ތެރެއިން ފަސް ބިލަކީ އާންމު ގަވާއިދުތަކުގެ ގާނޫނުން ބާރު ދީފައިވާ ގަވާއިދުތައް ގާނޫނަށް ހެދުމަށް ފޮނުވާ ބިލުތައް ކަމަށް އޭޖީން ބުނެއެވެ. އެ ފަސް ބިލަކީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، އުފަންވުމާއި މަރުވުން ރަޖިސްޓާ ކުރުމާ ބެހޭ ބިލާއި، ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލާއި، ކާބޯތަކެތީގެ ރައްކާތެރި ކަމުގެ ބިލާއި އަދި ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލެވެ.

މީގެ އިތުރުން ހެއްކާ ބެހޭ ބިލް، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލް، ނެތި ދިއުމުގެ ބިރުު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކުރުމާ ބެހޭ ބިލް ވެސް ދަރުކާރުން ހުށަހަޅަން ވަނީ ނިންމާފައެވެ.

މިހާރުގެ ގާނޫނު އަސާސީ އަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށުމާ އެކު ގާނޫނަކުން ބާރު ނުލިބޭ ގަވައިދުތައް ހިންގުން މަނާވެއެވެ. އެހެންވެ، އޭރު ހުރި ގަވައިދުތަކަށް ގާނޫނީ ބާރު ދިނުމަށް ހެދި އާއްމު ގަވައިދުތަކުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ގަވައިދުތައް ހިންގަން ފުރަތަމަ ދިނީ އެއް އަހަރު ދުވަހެވެ. އެއަށް ފަހު މުއްދަތު އިތުކުރާނެ ދެގޮތެއް އެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އެއް ގޮތަކީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ގަވައިދު އެއޮތް ގޮތަށް މުއްދަތު އިތުރުކުރުމެވެ. އަނެއް ގޮތަކީ އެ ގަވައިދުގައި ބުނާ ކަންތައް ގާނޫނެއްގެ ގޮތުގައި ފާސްކުރުމެވެ. އެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނުގެ ޖަދުވަލުތަކުގައި ވާ ހުރިހާ ގަވައިދެއް ގާނޫނަކަށް ހެދުމަކަށް ނުވަތަ މުއްދަތު އިތުރު ކުރާކަށް ލާޒިމެއް ނުކުރެއެވެ.