ރާއްޖޭގެ ރިސޯޓެއްގައި ގްރޫޕެއް ވެެގެން ސައުތު ކޮރެއާގެ އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި އެކަކުގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
މިއީ ރިސޯޓެއްގެ ބީޗު ކޮޓަރިއެއްގައި 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ރެއެއްގެ ދަންވަރު ވަގުތެއްގައި އެ ރިސޯޓުގެ އަންހެން މުވައްޒަފެއް ރޭޕް ކުރި މައްސަލައެކެވެ. މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރި ދިވެހި ތިން މުވައްޒަފެއްގެ މައްޗަށެވެ. އެ މައްސަލަ މީގެ ކުރިން ވަނީ ކްރިމިނަލް ކޯޓުން ބަލާފައެވެ. ނަމަވެސް އެ ކޯޓުން މައްސަލަ ބެލުމަށް ފަހު ވަނީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމާފައެވެ.
އަންހެން މީހާ ރޭޕް ކުރީ ކަނު ބަނދެ އަނގަ ވެސް ބަންދުކޮށްގެން
އެ އަންހެން މީހާ ރޭޕްކުރީ ކަނު ބަނދެ އަނގަ ވެސް ބަންދުކޮށް، ކަރުގައި ތޫނު އެއްޗެއް ޖައްސައި ބިރުދައްކައިގެން ކަމަށް ދައުވާގައި ވެއެވެ. މި މައްސަލައިގައި އެ ރިސޯޓުގެ ދިވެހި ތިން މުވައްޒަފެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އިރު ރޭޕް ކުރުމުގެ ދައުވާ ދެ މީހަކަށް އަދި އެކަކަށް ކުރީ ރޭޕް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
އަންހެން މީހާގެ ކުރިމަތިފަރާތުން ނެގި ސާމްޕަލަކުން ވަނީ ރޭޕް ކުރުމުގެ ދައުވާ ލިބުނު ދެ މީހުންގެެ ތެރެއިން އެކެއްގެ ދަރިފަނިން ޑީއެންއޭ ލިބިފައެވެ. އަދި އަނެއް މީހާގެ ޑީއެންއޭ ވަނީ އަންހެން މީހާ ހުރި ކޮޓަރީގެ ފާހާނާގެ މޫނު ދޮންނަ ތަށި ތެރޭގައި އޮތް ބާލިސް އުރައަކުން ފެނިިފައެވެ. ރޭޕް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ކުރި މީހާގެ ފިންގަޕްރިންޓް ވަނީ ހަމަ އެ ކޮޓަރީގެ ފާހާނާގެ މޫނުދޮންނަ ތަށީގެ މަތީގައި ހުރި ބިއްލޫރިގަނޑަކުން ފެނިފައެވެ.
ރޭޕްގެ ޝިކާރައަކަށް ވި އަންހެން މީހާ ދެއްކި ޑޮކްޓަރު ވަނީ ހެކި ބަސް ދީފައެވެ. ޑޮކްޓަރު ބުނެފައި ވަނީ އެ އަންހެން މީހާއަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ސައިކޮލޮޖިކަލް ރިޕޯޓުން ދައްކާފައި ވަނީ އެކަމުގެ ސަބަބުން އޭނާއަށް ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ކުރިމަތިވެފައިވާ ކަމަށެވެ.
ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ބުނެ ހުކުމް ކުރުމުންނެވެ. މި މައްސަލަ ހައި ކޯޓުން ބެލުމަށް ފަހު ހުކުމް ކުރީ ރޭޕް ކުރުމުގެ ކުށް އެކަކުގެ މައްޗަށް ސާބިތުވާ ކަމަށާއި އަނެއް ދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.
އަންހެން މީހާގެ ކުރިމަތި ފަރާތުން ދަރިފަނި ޑީއެންއޭ ފެނުނު މީހާ
މި މައްސަލަ ބެލި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވީ އަންހެން މީހާގެ ކުރިމަތި ފަރާތުން ދަރިފަނި ޑީއެންއޭ ފެނުނު މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެ މީހާ ޝަރީއަތުގައި އެ ކުށަށް އިންކާރު ކުރި ނަމަވެސް ދިފާއުގައި ހެއްކެއް ހުށައެއް ނާޅައެވެ. ދައުވާ ލިބުނު މީހާގެ ދަރިފަނި އަންހެން މީހާގެ ކުރިމަތިފަރާތުން ފެންނަން ވީ ސަބަބެއް ދެއްކިފައި ނުވާ ކަމަށް ހައި ކޯޓުގައި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައި ވެއެވެ. އެހެންވެ އޭނާގެ މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފަނޑިޔާރު ޝަހީދު ނިންމެވިއެވެ. އެ ރައުޔަށް ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން މަޒީދު ތާއީދު ކުރެއްވި އެވެ.
ހައިކޯޓުން މި މައްސަލައިގައި އެމީހާގެ މައްޗަށް ހުކުމްކޮށްފައި ވަނީ 15 އަހަރު ދުވަހަށް ޖަލަށް ލާށެވެ.
ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން ރޭޕް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނަމަ އަދަބަކަށް ވާނީ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އެ ނޫން ގޮތަކަށް ނަމަ 15 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެކެވެ.
ބިއްލޫރިން ފިންގަޕްރިންޓް ފެނުނު މީހާއަކީ ރޫމް އެޓެންޑެއް
ތަށިން ޑީއެންއޭ އާއި ބިއްލޫރިން ފިންގަޕްރިންޓް ފެނުނު މީހާ ބުނެފައި ވަނީ އޭނާ އަކީ ރޫމް އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އޭނާގެ މަސައްކަތުގެ ތެރެއިން ފެންބޯ ތަށި ފަދަ އެއްޗެހި ސާފުކުރަން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ހާދިސާ ހިނގި ކޮޓަރި އޭނާ ސާފުކުރާ ކަމަށާއި ހާދިސާ ހިނގި ދުވަހު ވެސް ކޮޓަރި ސާފުކުރި ކަމަށް އޭނާ ބުނެފައި ވެއެވެ.
ދިފާއުގައި އެމީހާ ދެއްކި ވާހަކަތަކަށް ބެލުމަށް ފަހު ފަނޑިޔާރު ޝަހީދު ވަނީ ހަމައެކަނި ފިންގާ ޕްރިންޓުގެ މައްޗަށް ބިނާކޮށް، މީހަކު ރޭޕް ކުރި ކަމަށް ނުބެލެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ފިންގަޕްރިންޓަށް ބާރުދޭ ހެކި ދައުލަތުން ހުށަހަޅާފައި ނުވާކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ. ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ ފިންގަޕްރިންޓު ބިއްލޫރިގަނޑުން ފެނުނަސް، އެ ފިންގަޕްރިންޓާއި ކުށާ ގުޅުވާލަން ދައުލަތުން ހެކި ހުށަހަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް، އެކަމާއި ކުށާ ގުޅުވާލެވޭ ހެކި ގަރީނާ ހުށަހެޅިފައި ނެތުމުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމެވިއެވެ. އެގޮތުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ތިން ފަނޑިޔާރުން ވެސް އެއްބަސްވެވަޑައިގަތެވެ.
މޫނުދޮޮންނަ ތަށިތެރޭ އޮތް ބާލީސް އުރައަކުން ޑީއެންއޭ ފެނުނު މީހާ
އެ އަންހެންމީހާ އުޅޭ ކޮޓަރި ފާހާނާ ތެރޭ ހުރި މޫނު ދޮންނަ ތަށި ތެރޭގައި އޮތް ބާލީހު އުރައަކުން މީހެއްގެ ޑީއެންއޭ ފެނިފައި ވެއެވެ. އެ މީހާ ބުނެފައި ވަނީ ހާދިސާ ހިނގި ދުވަހުގެ ރޭ 8:30 ގައި އޭނާ ނިދީ ކަމަށާއި ހާދިސާ ހިނގި ވަގުތުގައި ވެސް އޮންނާނީ ނިދާފައި ކަމަށެވެ.
ދައުލަތުގެ ހެކިވެރިއަކު ހެކިބަސް ދެމުން ބުނެފައި ވަނީ އޭނާ އަކީ ޕަބްލިކް އޭރިއާ އެޓެންޑެންޓެއް ކަމަށާއި އޭނާ ބާލިސް އުރަ ފަދަ އެއްޗެހީގައި އަތްލާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، މަދު ހާލަތެއްގައި މަސައްކަތުގައި އުޅޭ އިރު ލޯންޑްރީއަށް ގޮސް އޭނާ އެފަދަ އެއްޗެއްގައި އަތްލަން ޖެހިދާނެ ކަމަށް ބުނެފައި ވެއެވެ.
ދައުލަތުން އެ މީހާއާ ދެކޮޅަށް ހުށަހެޅި ދެވަނަ ހެކިވެރިޔާ ބުނެފައި ވަނީ ތުހުމަތު ކުރެވޭ މީހާ އެ ރޭ ފަތިހު 4:00 ހާއިރު ހޭލައި ހުއްޓާ ފެނިފައިވާ ކަމަށެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހާ ވަނީ އެކަން ދޮގު ކޮށްފައެވެ. އަދި އޭނާ ނިދާފައި އޮތް ކަން ސާބިތު ކުރަން ހުށަހެޅި ހެކިވެރިން ވެސް ފަހުން ނިދާފައި ވުމުން، އެ މީހުންގެ ހެކިބަހުން އޭނާ ނިދާފައި އޮތްކަން ޔަގީން ނުވާ ކަމަށް ފަނޑިޔާރުން ނިންމެވިއެވެ.
ނަމަވެސް، ބާލީހުން ފެނުނު ޑީއެންއޭއާ މެދު އެކަށީގެންވާ ޝައްކެއް އުފެދޭ ކަމަށް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ފާހަގަ ކުރެއްވިއެވެ. އެ ބާލިސް އުރައިން ޑީއެންއޭ ނެގީ އޭގައި ހުރި ކޮން އެއްޗަކުން ކަމެއް ދައުލަތުން ބުނެފައި ނުވާކަން ވެސް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ ބާލީހުން ފެނުނު ޑީއެންއޭ ފިޔަވައި އޭނާއާ ކުށާ ގުޅުވޭނެ އިތުރު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެ ދެ ފަނޑިޔާރުން ވެސް ނިންމެވީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަަމަށެވެ.
ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު ޝަހީދުގެ ރައުޔު އެކަމުގައި އެއްގޮތް ވިޔަސް، ފަނޑިޔާރު ހުސެއިން މަޒީދުގެ ރައުޔު އެކަމުގައި ތަފާތެވެ. އެ ހެކިތަކަށް ބަލާއިރު ބާލީހުން ޑީއެންއޭ ފެނުނު މީހާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް އޭނާ ދެކެވަޑާއިގަންނަވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެ ރައުޔަށް އަޣުލަބިއްޔަތު ލިބިފައި ނުވާތީ އެ މީހާ އަށް ކުށް ސާބިތެއް ނުވެއެވެ.