މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ތަކެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި، ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން އަދި ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަން ތަކެއްގައި 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަތަކުގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނެކެވެ. އެއީ ށ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.
އޭނާ ހުއްޓުވައި ބަލާފާސްކުރި އިރު އޭނާގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ކުޑަ ދަޅަކާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މީހުންގެ ތެރެއިން 32 އަހަރުގެ ފިރިހެން މީހާވެސް ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެއީ ދ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައެވެ.
އޭނާ ހުއްޓުވައި އޭނާ އެވަގުތު ހިފައިގެންހުރި ޑަބިޔަލެއް ބަލާފާސްކުރި އިރު އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ހިންގި އޮޕަރޭޝަން ތަކުގައި 36 އަހަރުގެ ދިވެހި ފިރިހެނަމީހާ ހައްޔަރުކޮށްފައި ވަނީ މިމަހު 15 ވަނަ ދުވަހު ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން އެރަށު މަގުމަތިންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރަމުން ދިޔަ އިރު އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ހދ. އަތޮޅު ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެ ފެރީގައި ހުރި ފޮށިގަނޑެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްެޗެއްހުރި 10 ސެލޯފިންކޮޅު ފުލުހުން ހޯދައިފައި ވެއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.