ދިވެހިރާއްޖެއާއި އިޒްރޭލާ ދެމެދު ވައިގެ ދަތުރުތައް ކުރަން ހަމަޖެހިފައި ވާ ކަމަށް ބުނެ، ދެކެވެމުންދާ ވާހަކަތައް، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޮގު ކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ހެނދުނު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖެއާއި އިޒްރޭލާ ދެމެދު ވައިގެ ދަތުރުތައް ކުރަން ހަމަޖެހިފައި ވާ ކަމަށް ބުނެ ދައްކަމުން ދަނީ، ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ދިވެހިރާއްޖެއާއި އިޒްރޭލާ ދެމެދު ވައިގެ ދަތުރުތައް ކުރަން މިހާތަނަށް މަޝްވަރާތަކެއް ކޮށް، ދަތުރުތައް ކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދަ ދީފައި ނުވާނެ ކަމަށާ، މި ރޫޓުން ދަތުރު ކުރުމުގެ ހުއްދަ ދޫކުރުމާ ބެހޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އިޒްރޭލާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫން ކަމަށާ، އެ ރޫޓުން ދަތުރު ކުރުމަށް މަގު ފަހި ކުރަނިވި އެއްބަސްވުމެއްގައި ސޮއި ކުރުމަށް ދިވެހި ސަރުކާރުން ނިންމާފައި ނުވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖެއާއި އިޒްރޭލާ ދެމެދު އެއްވެސް ޒާތެއްގެ މުއާމަލާތެއް ނުހިނގާނެކަން، ދިވެހި ސަރުކާރުން ހުސްވި މެއި މަހުވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ރާއްޖެއާއި އިޒްރޭލާ ދެމެދު ސީދާ މަގުން ވައިގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވާ ކަމަށް އިޒްރޭލުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. މި ދަތުރު ކުރަނީ އިޒްރޭލުގެ ޓްރެވެލް ކުންފުންޏެއް ކަމަށްވާ ކެމީނޯސްއިން، އެއާ ސީޝެލްސް މެދުވެރިކޮށް ކަމަށް އިޒްރޭލު މީޑިއާއިން ބުނެއެވެ.