މަސްތުގެ ހާލަތުގައި މިސްކިތްތަކަށް ވަދެ ހުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ވިޔަފާރިވެރިންގެ މިސްކިތް ތެރޭގައި މަސްތުގެ ހާލުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ރޭ 01:35 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި ހާދިސާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 34 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިމަހުގެ 14 ވަނަ ދުވަހު ވެސް ވަނީ މަސްތުގެ ހާލަތުގައި މިސްކިތްތަކަށް ވަދެ ތިބި 15 މީހަކު ހައްޔަރުކޮށްފައެވެ.

އެ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑު އޮންނަ، ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ބޭނުމެއް ނެތި މިސްކިތްތަކަށް ވަދެ މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑުން ރައްކާތެރިވުމަށް ވަނީ މިސްކިތްތައް ބަންދު ކޮށްފައެވެ. މިސްކިތްތައް ބަންދު ކުރުމުން މަސްތުވާ ތަކެތި ބޭނުންކުރާ ބައެއް ޒުވާނުން އެކަން ކުރުމަށް މިސްކިތްތަކަށް އަރާ މައްސަލަ މިވަނީ ފެންނަން ފަށާފައެވެ. އެކަމުގެ ޝަކުވާ މިސްކިތްތަކުގެ އިމާމުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތު ތެރޭގައި ސިނގިރޭޓު ބޮއެ، މަސްތުވާތަކެތި ބޭނުންކޮށް، އެތަނުގައި ނިދާ ހަދާ ކަމާއި އަދި ހަތިމް ތެރެއަށް މަސްތުވާތަކެތި ހުންނަ ރަބަރު ޕެކެޓް ކޮޅު ފޮރުވަން ލުން ފަދަ ކަންކަން ކުރާ ކަމަށް ވެސް އިމާމުން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން ވަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދާ، އެއްޗެހި ދޮވެ މިސްކިތްތައް ބޭނުން ކުރުން އެކަށީގެން ނޫން އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށް ބުނެފައެވެ.

އެގޮތުން ކޮންމެ ރެޔަކު ވެސް މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެއެވެ.