އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ދަށުން އެކުލަވަލަން ޖެހޭ 5 ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ސަރުކާރުން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ފޮނުވާ 19 ބިލުގެ ލިސްޓް އާންމު ކޮށްފައެވެ.

އެ ބިލިތަކުގެ ތެރެއިން ފަސް ބިލަކީ އާންމު ގަވާއިދުތަކުގެ ގާނޫނުން ބާރު ދީފައިވާ ގަވާއިދުތައް ގާނޫނަށް ހެދުމަށް ފޮނުވާ ބިލުތައް ކަމަށް އޭޖީން ބުނެއެވެ. އެ ފަސް ބިލަކީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، އުފަންވުމާއި މަރުވުން ރަޖިސްޓާ ކުރުމާ ބެހޭ ބިލާއި، ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލާއި، ކާބޯތަކެތީގެ ރައްކާތެރި ކަމުގެ ބިލާއި އަދި ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލެވެ.

އޭޖީ އޮފީހުން މިއަދު ފޮނުވި ލިސްޓްގައިވާ 19 ބިލުގެ ތެރޭގައި ހެއްކާ ބެހޭ ބިލް، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލް، ނެތި ދިއުމުގެ ބިރުު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކުރުމާ ބެހޭ ބިލް ހިމެނެއެވެ.

މީގެ އިތުރުން ދެން ހުރި ބިލުތަކަކީ މިހާރު ގާނޫނު އަސާސީގައި ހިމެނޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތަކެވެ. އެގޮތުން ފަނޑިޔާރުންގެ ގާނޫނަށާއި، ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި، ޓެރިރިޒަމް މަނާ ކުރުމުގެ ގާނޫނާއި، ފަޅުރަށްރަށާ ބެހޭ ގާނޫނާއި، ބިމާބެހޭ ގާނޫނާއި، މާލިއްޔަތު ގާނޫނާއި، ދަފްތަރު ގާނޫނާއި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުގެ އިތުރުން ތިމާވެށި ރައްކާތެރުކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.

މިހާރުގެ ގާނޫނު އަސާސީ އަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށުމާ އެކު ގާނޫނަކުން ބާރު ނުލިބޭ ގަވައިދުތައް ހިންގުން މަނާވެއެވެ. އެހެންވެ، އޭރު ހުރި ގަވައިދުތަކަށް ގާނޫނީ ބާރު ދިނުމަށް ހެދި އާއްމު ގަވައިދުތަކުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ގަވައިދުތައް ހިންގަން ފުރަތަމަ ދިނީ އެއް އަހަރު ދުވަހެވެ. އެއަށް ފަހު މުއްދަތު އިތުކުރާނެ ދެގޮތެއް އެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އެއް ގޮތަކީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ގަވައިދު އެއޮތް ގޮތަށް މުއްދަތު އިތުރުކުރުމެވެ. އަނެއް ގޮތަކީ އެ ގަވައިދުގައި ބުނާ ކަންތައް ގާނޫނެއްގެ ގޮތުގައި ފާސްކުރުމެވެ. އެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނުގެ ޖަދުވަލުތަކުގައި ވާ ހުރިހާ ގަވައިދެއް ގާނޫނަކަށް ހެދުމަކަށް ނުވަތަ މުއްދަތު އިތުރު ކުރާކަށް ލާޒިމެއް ނުކުރެއެވެ.