ރާއްޖޭގެ އެއްވެސް އެއާޕޯޓެއް އެއްވެސް ބަޔަކަށް ނުވިއްކާނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހުވާ ކުރައްވައިފިއެވެ.
އިއްޔެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނައި އިސްލާހާ ގުޅިގެން މިހާރު އިކޮނޮމިކް މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މިނިސްޓްރީން ނެރުނު އިސްލާހާ ގުޅިގެން ގޮތްގޮތަށް އަނބުރައިގެން އެކި މީހުން ވާހަކަ ދައްކަމުންދާ ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ ﷲ ގަންދީ ހުވާ ކުރައްވާ ކަމަށާއި އިންޑިއާ އަދި އެހެން އެއްވެސް ގައުމަކަށް އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް ވިއްކުމުގެ ނިޔަތެއް ނެތް ކަމަށެވެ.
އެފްޑީއައި އަށް އިސްލާހު ގެނައުމަށް ނިންމި އިރު އިދިކޮޅުން ނުކުމެ ބުނާނެ ބަހަކަށް ނުވިސްނަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އިދިކޮލޫން ބުނާނެ އެއްޗަކަށް ވިސްނަވަން ވަގުތުވެސް ނެތް ކަމަށާއި ސަރުކާރު ހިންގުމަށާއި ވެފައިވާ ވައުދުތައް ފުއްދުމުގައި ކަންކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ކަމެއް ކުރުމުން އެ ކަމެއް އަނބުރާ އޮޅުވާލައި ވާހަކަތައް ދައްކަން ފެށީމާ ނުކުމެ ޖަވާބު ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިއީ ވާދަވެރި ސިޔާސީ މާހައުލެއް އޮތް ތަނެއް ކަމަށާއި އެފަދަ ކަންކަން އަންނާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، ކޮވިޑް ބަލިމަޑުކަން އައިސް ގައުމުގެ އިގްތިސޯދު ވެއްޓިފައިވާ މިދަނޑިވަޅުގައި މަސައްކަތް ކުރަމުން މި އަންނަނީ އެކަމުން އަރައިގަތުމަށް ކަމަށެވެ. އަދި މުޅި ދުނިޔެ ވެސް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެސް ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެކި ސިޔާސަތުގެ ދަށުން ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އިއްޔެ އެފްޑީއައި އަށް ގެނައި އިސްލާހާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެގޮތުން އެއާޕޯޓުތައް ހިންގުމަށް 100 ޕަސެންޓު ބޭރުގެ ކުންފުނިތަކަށް ފުރުސަތު ދިނުމަކީ ގައުމީ ސަލާމަތަށާއި މިނިވަން ކަމަށް ނުރައްކާ ވާނެ ކަމެއް ކަމަށް އެއްބަޔަކު ބުނެއެވެ.