ރީޖަނަލް އެއާޕޯޓުގެ އެންމެ ހިއްސާއެއް ވެސް ބޭރު ކުންފުންޏަކަށް ވިއްކަން ހުވަފެނުގައި ވެސް ދެކިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިއްޔެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނައި އިސްލާހާ ގުޅިގެން މިހާރު އިކޮނޮމިކް މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ތިބޭފުޅުންނަށް ހުވަފެނުގައި ރީޖަނަލް އެއާޕޯޓް ވިއްކާލަތަން ފެނުނު ކަމުގައި ވިޔަސް އެފަދަ ހުވަފެނެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެ ގޮތުން އެންމެ ހިއްސާ އެއް ވެސް ބޭރުގެ ކުންފުންނަކަށް ވިއްކާލާ ކަހަލަ ވިސްނުމެއް ނުގެންގުޅުއްވާ ކަމށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހުވަފެނުން ފެނުނު ކަމެއް ވެސް ނޫން އެއީ ކީ ރީޖަނަލް އެއާޕޯޓުގެ އެންމެ ހިއްސާއެއް ވެސް، އެންމެ ހިއްސާއެއްވެސް، ޕަސެންޓެއްގެ ވާހަކއެއް ނޫން. އެންމެ ހިއްސާއެއްވެސް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކުމުގެ ވިސްނުމެއް ނެތް"
ފައްޔާޒް އިސްމާއިލް

ރީޖަނަލް އެއާޕޯޓް ކުންފުނި ހަދައިގެން އެ ކުންފުނި ވަރުގަދަވެ ބޮޑުވުމުން އެ ކުންފުނީގެ ހިއްސާ ދިވެހި ރައްޔިތުންނަށް ލިބޭ ގޮތަށް ޕަބްލިކް ލިސްޓިންއަކަށް ދިއުމަކީ ވިސްނާފައިވާ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ ކުންފުނި ބޮޑު ކުރެވޭނީ މީގެ މައްޗަށް 10 އަހަރު، 15 އަހަރު ނުވަތަ 20 އަހަރުގެ މުއްދަތެއްގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ރީޖަނަލް އެއާޕޯޓް ނޫނަސް ރާއްޖޭގެ އެއްވެސް އެއާޕޯޓެއް އެއްވެސް ބަޔަކަށް ވިއްކާލުމުގެ ޝައުގުވެރިކަމެއް ވެސް ވިސްނުމެއް ވެސް، އަދި ހުވަފެނެއް ވެސް ނެތް ކަމަށެވެ. މިހެން މި ދަންނަވީ ވަރަށް ސާފުކޮށް ކަމަށާއި އިންޑއާގެ ކުންފުންޏަކަށް ވެސް އެއްވެސް އެއާޕޯޓެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ އެފްޑީއައި އަށް ގެނައި އިސްލާހާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ވަނީ ސަރުކާރުންނަށް އަމާޒުވެފައެވެ. އެގޮތުން އެއާޕޯޓުތައް ހިންގުމަށް 100 ޕަސެންޓު ބޭރުގެ ކުންފުނިތަކަށް ފުރުސަތު ދިނުމުން ގައުމީ ސަލާމަތަށާ މިނިވަންކަމަށް ނުރައްކާ ވާނެކަމަށެވެ.