ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާ ކުރުމުގެ މުހިންމު ބޭނުމުގައި ބީއެމްއެލްގެ މުވައްޒަފުން ކޮންމެ ތިން މަހަކުން ލޭ ހަދިޔާ ކުރުމަށް ކޭމްޕް ބާއްވަން ނިންމައިފިއެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ބުނީ، މިއަދާ ގުޅުވައިގެން އެ ކުންފުނީގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ކޭމްޕެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން މާލެ، ކުޅުދުއްފުށި އަދި މަނަދޫގައި މަސައްކަތް ކުރާ ބީއެމްއެލްގެ މިވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ މި ހަރަކާތުގައި ބައިވެރިވެ ލޭ ހަދިޔާކޮށްފައި ކަމަށް ބީއެމްއެލުން ބުނެއެވެ.

ގައުމީ ބޭންކުން ބުނީ، ދެ ދުވަހަށް ކުރިޔަށް ދާ މި ކޭމްޕް މެދުވެރިކޮށް 70 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކުރުމަށް ރަޖިސްޓާ ކޮށްފައި ކަމަށެވެ.

މި ހަރާކާތް މާލޭގައި ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ބްލަޑް ސާވިސަސް އާ ގުޅިގެންނެވެ. އަދި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށް އަތޮޅު ތެރޭގައި ވެސް ވަނީ ކާމިޔާބު ކަމާއެކު ލޭ ހަދިޔާ ކުރުމުގެ ކޭޕް ކުރިޔަށް ގެންގޮސްފައެވެ. ހަމއެއާއެކު މި ކޭމްޕްގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކަށް އަލިއަޅުވާލައި ބީއެމްއެލް އިން ވަނީ މުވައްޒަފުން ހޭލުންތެރި ކުރުމަށް މޯލްޑިވްސް ބްލަޑް ސާވިސް އާ ގުޅިގެން ހާއްސަ ސެޝަނެއް ވެސް ކުރިޔަށް ގެންގޮސްފައެވެ.

ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށް ބީއެމްއެލުން ބުނެއެވެ.

ދުނިޔޭގެ ލޭހަދިޔޔާކުރާ މީހުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ގިވް ބްލަޑް އެންޑް މޭކް ދަ ވޯލްޑް ބީޓިން" އެވެ.