ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ނަމުގައި ގުޅައިގެން 60،000 ރުފިޔާ އަތުލި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ބީއެމްއެލްގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން 60،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި މިމަހުގެ 9 ވަނަ ދުވަހު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހު 10 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފޯނުން ގުޅައިގެން ކާޑުގެ މައުލޫމާތު ހޯދާ މައްސަލަ އަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެވެ. އަދި މެއިލްގެ ޒަރީއާއިން އިންޓަނެޓް ބޭންކިންއާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ބައެއް މީހުން ކުރަމުން ގެންދެއެވެ.

ބީއެމްއެލް އިން ވަނީ އެގޮތަށް ގުޅާ ފަރާތްތަކަށް އެކައުންޓުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.