ރައްޔިތުންނަށް ފައިދާ އާއި، ލާބަ ހުރި ކޮންމެ މަަސައްކަތެއްގައި އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރި ކަމާއި، އެއްބާރުލުމާއި، ތާއީދު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބޭނެ ކަމަށް މާލެސިޓީ ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ވިދާޅުވެއެޖެވެ.

މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވި ކައުންސިލަރުންގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނީ، ޕީޕީއެމްގެ މޭޔަރަކު ހުންނެވިކަމަށްޓަކައި އަދި އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ އިދިކީލި ސިފައިން ނެއްޓި ތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެމްޑީޕީގެ އަސާސްތަކާއި، އަގުތައް ނަގަހައްޓާ، ޕާޓީގެ މެންބަރުންގެ ބަސް ކަނުލާ އަޑު އަހަމުން މަގާމާ ހަވާލުވެ މި ވޭތިވެދިޔަ ކުރު މުއްދަތުގައި ވެސް އަމަލުކޮށްފައި ވާނީ އެފަދައިން ކަަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މާލޭގެ ރައްޔިތުންގެ މަސްލަހަތުތަކުގެ މައްޗަށް ހުޝިޔާރު ކަމާއެކު ފާރަވެރިވަމުން ދާނެ ކަމަށާއި މާލޭގެ ރައްޔިތުންނަށް ކައުންސިލު ހިނގާ ނުހިނގާ ގޮތާއި ގުޅޭގޮތުން މައުލޫމާތު އަރުވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މި މަސައްކަތުގައި މާލޭ ރައްޔިތުން އަޅުގަނޑުމެންނާ އެކު ތިއްބަވާނެ ކަމީ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. 18 ކައުންސިލަރުން ތިއްބަވާ މާލޭ ސިޓީ ކައުންސިލްގެ މައިނޯރިޓީކަމުގައި ތިބެމެ، ކައުންސިލްގެ ހިންގާ ގަވާއިދަށް ނިމި ދިޔަ ހަފުތާގައި އެމްޑީޕީން އިސްވެ ހުށަހެޅި ބަދަލުތައް ފާސްވެފައި އެވަނީ ވެސް މިނަންގަތް މަގުން އާންމުންގެ މަދަދުވެރި ކަމާއި، އަޑު އުފުލުމުގެ ސަބަބުން" މާ
ލެސިޓީ ކައުންސިލްގައި ތިއްބެވި އެމްޑީޕީ ކައުންސިލަރުން

މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި، އިންސާނީ ވަސީލަތް ނެތުމާއި، ޖާގައިގެ ދަތިކަން ހިމެނޭ ކަމަށް އެ ބަޔާޏނުގައި ވެއެވެ. ސިޓީއެއް ހިންގުމަށް އަސާސީގޮތުން ބޭނުންވާ އިލްމާއި، ތަމްރީނު ލިބިފައިވާ ފަންނީ މުއައްޒަފުން ނެތް ކަމަށާއި ކޮންމެ ކައުންސިލަރަކަށް ގޮނޑި، މޭޒާއި، ކޮންޕިއުޓަރެއް ނެތުމަކީ ވެސް އެމްޑީޕީ ކައުންސިލަރުންގެ ކަންބޮޑުވުމެކެވެ. ކައުންސިލްގެ ހިދުމަތްތަކާއި، މުއައްޒަފުންނާއި، ސެކްޝަންތަކާއި، ޑިޕާޓުމަންޓުތައް ހުރީ މާލޭގެ އެތައް މިތަނުގައި ކަމަށާއި އެއް ފުރާޅެއްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ހިދުމަތްތައް ދެވޭނެ ގޮތް ހަމަޖެހެން ޖެހޭ ކަމަށް އެ މެންބަރުން ބުނެއެވެ.

މީގެ އިތުރުން ވެސް އާބަން ޕްލޭނަރުންނާއި، އިންޖިނިއަރުންނާއި، ސާވެޔަރުންނާއި، އައިޓީ ސްޕެޝަލިސްޓުންނާއި، އެހެނިހެން ފަންނީ، ސަޕޯޓް ސްޓާފުން ވެސް ހަމަޖެހޭން ޖެހޭ ކަމަށާއި އެކަންކަން ހަމަޖެއްސުމަށްޓަކައި މާލޭގެ މޭޔަރާ އެކު މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ކައުންސިލަރުން ބުނެއެވެ. އެމަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީން ކުރާ ކަމަސް ވެސް އެފަރާތުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު 2021 ގައި އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލުން ކާމިޔާބު ކުރެވިފައި ވަނީ 6 ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް 1 ގޮނޑި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް 11 ގޮނޑި ވަނީ ކާމިޔާބު ވެފައެވެ.