މިއަދު ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް ސާވިސް އިން މާލެ ޖަލާއި މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަންގައި 3 ގައިދީއަކަށް އަނިޔާވެގެން ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ނަމަވެސް އޮޕަރޭޝަންގައި ފުލުހުން ޓޭޒާ ބޭނުން ކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމަތަކީ ދޮގު މައުލޫމާތެއް ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވި ގައިދީންގެ ތެރެއިން ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކީ އެމީހުންނާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކުރަން ޖެހުނު ދެމީހުން ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންގައި ޕެޕާ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސިއްހީ އެހީތެރިކަން އެ ދެ ގައިދީންނަށް ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޯ ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޖަލުގެ ގޮލީތައް ބަލާ ފާސްކޮށް ހޯދާފައިވާ ތަކެތި

މާލެ ޖަލާއި މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި ގޮޅިތަކުން، މާލެ ޖަލުން، ސިމް ކާޑާއެކު އެއް ފޯން އަދި މާފުށި ޖަލުން، ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަަމަށް ފުލުހުން ބުނެއެވެ.