މިއަދު ރިހިވެލި ބީޗް ރިސޯޓުން ގެއްލިގެން ހޯދަމުން ދިޔަ އަހްމަދު އަސްލަމް ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ރިސޮޓަކުން ދިވެއްސަކު ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރު 12:49 ހާއިރެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނުނު މައުލޫމާތު 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން ބުނީ، ރިސޯޓަކުން ގެއްލިގެން ރިޕޯޓް ކުރި މީހާ ހުރީ މަސައްކަތާ ގުޅުން ހުރި ކަމެއްގައި އެހެން ރަށަކަށް ގޮސް ކަމަށެވެ. މިހާރު އެމީހާއަށް ވަނީ ގުޅިފައި ކަަމަށް ފުލުހުން ބުނެއެވެ.

އަހްމަދު އަސްލަމަކީ ދިވެއްސެކެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މިއަދު ގެއްލިގެން ހޯދީ އެ ރިސޯޓުގެ އެޗްއާރް މެނޭޖަރުގެ މަގާމުން ވަކިކޮށްފައި ހުރި މީހެކެވެ. އަދި އޭނާ އެންމެ ފަހުން މީހަކަށް ފެނިފައި ވަނީ ފަތިހު 5:00 ގައި ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ.