ކޮވިޑްގެ މި ހާލަތުގަައި މިސްކިތްތައް ބަންދުކޮށްފައި ވަނިކޮށް މަސްތުވާތަކެތި ބޭނުން ކޮށް ނިދާ ހަދާ ބައެއްގެ މައްސަލަ ފެންމަތިވެ މައްސަލަ ބަލަން ފަށައިފި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހެން ބުނީ، މިސްކިތްތަކުގައި ނިދާ މީހުންނާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުން ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ. އާންމުންގެ މީހަކު ކޮށްފައި ވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފަތިސް ނަމާދު ވަގުތު ނިދާފައި ތިއްބާ އެމީހުންނަށް ގޮވާލީމާ އެމީހުން ހަތިމް ހުޅުވާލާފައި ނަގަނީ "ޕެކެޓް" ކޮޅު ކަމަށެވެ. އެމީހުން ތިބޭތަން ފުލުހުން ބަލާ ފާސްކުރާތީ މިހާރު ޕެކެޓްތައް ހުންނަނީ ވެސް ހަތިމް ތެރެއަށް ފޮރުވަން ލާފައި ކަމަށް އެ މީހާ ބުނެފައި ވެއެެވެ.

މި މައްސަލައާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ނިދާ، އެއްޗެހި ދޮވެ، ހަދާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. އެ ގޮތުން ފުލުހުން ކޮންމެ ރެއަކު މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުުންގެ ބެލުމުގެ ދަށަށް ވެސް ގެންދާ ކަމަށް ބުނެއެވެ.

އަދި މިފަދަ ހާލަތްތަކުގައި ހައްޔަރު ކުރާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މި ކަންކަމުގެ މައުލޫމާތު ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކަށް ހިއްސާކޮށް ހައްލެއް ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ވެސް ބުނެއެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށީގެން ކޮވިޑުން ރައްކާތެރިވުމަށް ވަނީ މިސްކިތަތައް ބަނދު ކޮށްފައެވެ. މިސްކިތްތައް ބަންދު ކުރުމުން މަސްތުވާ ތަކެތި ބޭނުންކުރާ ބައެއް ޒުވާނުން އެކަން ކުރުމަށް މިސްކިތްތަކަށް އަރާ މައްސަލަ މިވަނީ ފެންނަން ފަށާފައެވެ.

މީގެ ކުރިން ވެސް މިފަދަ ޒުވާނުން ވަންނާނެ ތަނެއް ނެތި މާރުކޭޓުގެ ގޮޅިތަކުގައި ކަރުދާސް ފޮށި އަޅައިގެން ނިދަމުން ދިޔަ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.