ކޮވިޑާ ގުޅިގެން ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސާފައިވާ މުއްދަތު ހަފްތާއެއްގެ ނިޔަލަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގައި އަމަަލު ކުރުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަށާއި، އެ އެޖެންސީގެ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ. އެ ގޮތުން ގޭގައި ތިބެގެން މުވައްޒަފުންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ނަމަވެސް ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހިއްޖެ ނަމަ އެ އިދާރާގެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތުގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރެވޭނެ ކަމަށާއި، މަސައްކަތް ކުރެވޭނީ އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއް ވަނީ ކުރިއަށް އޮތް އެއް ހަފްތާގެ މުއްދަތަށް އިތުރު ކޮށްފައެވެ. އެ ގޮތުން މާލެ ސީޓީގައި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުމާއި އެ ނޫން ވަގުތުގައި ހުއްދައާއެކު ބޭރުގައި އުޅުން ހިމެނެއެވެ.
މިސްކިތުގައި ނަމާދު ކުރުން މަނާ ކުރުމާއި ރެސްޓޯރެންޓުގައި ކެއިންބުއިން މަނާ ކުރުމުގެ އިތުރުން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހަމައެކަނި ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ޒަރޫރީ ބޭނުމެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމުގެ އިތުރުން މޮނީޓަރިންގައި ހުރި ރަށްރަށުގައި ވެސް ކާފިއު ހިންގުން ހިމެނެއެވެ.