ރާއްޖޭގައި ކޮވިޝީލްޑް ވެލްސިން ޖަހާފައިވާ މީހުންނަށް 2 ވަނަ ޑޯޒް 6 މަސް ދުވަހުގެ ތެރޭގައި ޖެހޭނެ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހެން ބުނެފައި ވަނީ ހަދާފައިވާ ދިރާސާތަކުގެ އަލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އާންމު ކުރި ލަފައާ ގުޅިގެންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް 6 މަސް ދުވަހަށް ފަސްކުރުމާ ގުޅޭގޮތުން އަމަލު ކުރާނެ ގޮތުގެ ލަފައެއް އާންމުކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ ލަފަޔާ ގުޅިގެން ރާއްޖޭގައި ވެސް ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގައި އެގޮތަށް އަމަލު ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުން ކުރަމުން އަންނަ ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިން އުފެއްދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ގިނަ ގައުމުތަކަކަށް މި ވެކްސިން ލިބުމުގެ ދަތިތަކެއް ކުރިމަތިވެ، ދިވެހިރާއްޖޭގައި ވެސް މިވެކްސިން ލިބުމުގައި މިވަނީ ލަސްތަކެއް ކުރިމަތިވެފައި ކަމަށް އެ އެޖެންސީން ބުނެއެވެ.

މިހާރު ވެސް ދިވެހި ސަރުކާރުން މިވެކްސިން ގެނައުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިވެކްސިން ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ނަމަވެސް ވެކްސިން ލިބޭނެ ކަމަށް ލަފާ ކުރާ ތާރީހެއް އެޗްޕީއޭއިން އާންމެއް ނުކުރެއެވެ.

ރާއްޖޭގައި ހުރި ވެކްސިންގެ ސްޓޮކް މަދުވެ ކޮވިޝީލްޑް ވެކްސިން އާންމުންނަށް ޖެހުން ހުއްޓާލި އިރު، ރާއްޖެއިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކާފައެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ. މި ވެކްސިންތަަކުގެ ތެރެއިން އެސްޓްރާޒެނިކާ އަށް ފައިސާ ދެއްކި 700،000 ޑޯޒު ވެސް މި މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ވެކްސިން ލިބޭނެ ސީދާ ތާރީހެއް އޭރުވެސް މިނިސްޓަރު ނަސީމް ހާމައެއް ނުކުރައްވައެވެ.