ދުރާލާ ރާވައިގެން މުސްލިމު އާއިލާއެއްގެ 4 މެންބަރުން މަރާލާފައި ވާ ކަމަށް، ކެނެޑާގެ ފުލުހުން ހާމަކޮށްފިއެވެ.

ކެނެޑާގެ އޮންޓާރިއޯ ޕްރޮވިންސްގެ ލަންޑަން ސިޓީގައި ދިން މި ހަމަލާގައި، ސަލާމަތް ވެފައި ވަނީ އުމުރުން އެންމެ 9 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާއިރު، އެ ކުއްޖާއަށް ފަރުވާ ދެމުން އަންނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

4 މީހަކު މަރާލި ކަމުގެ ކުށުގަ، އަދި އިތުރު 1 މަރާލަން އުޅުނު ކަމުގެ ކުށުގެ ދައުވާ، އުމުރުން 20 އަހަރުގެ (ކެނެޑާ) ފިރިހެނެއް ކަމަށްވާ، ނެތޭނިއަލް ވެލްޓްމަންގެ މައްޗަށް ވަނީ އުފުލާފައެވެ.

މިއީ، ކިއުބެކް ސިޓީގެ މިސްކިތެއްގައި 2017 ވަނަ އަހަރު ހަމަލާދީ، 6 މީހަކު މަރާލި ހާދިސާއަށްފަހު، ކެނެޑާގައި މުސްލިމުންނަށް އަމާޒުކޮށްގެން ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ހަބަރު ލިބެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ޕޯލް ވެއިޓް ވިދާޅުވީ، އާއިލާއަށް ހަމަލާ ދިން މަގުސަދަކީ، އެމީހުންނަކީ މުސްލިމުން ކަމުގައި ވުން ކަމަށް ބެލެވޭ ކަމަށެވެ.

މިއީ ނަފުރަތުގެ ޖަރީމާއެއް ކަމަށް ބެލެވޭ ކަމަށް ވެއިޓް ވިދާޅުވިއިރު، ފުލުހުން ދަނީ، ޓެރަރިޒަމް ދައުވާ އުފުލޭނެ މަގެއް އޮތްތޯވެސް ބަލަމުންނެވެ.

އާއިލާގެ އެދުމުގެ މަތިން، ފުރިހަމަ ވަނަވަރު ހާމަކޮށްފައި ނުވި ނަމަވެސް، މި ހަމަލާގައި މަރާލާފައި ވަނީ، އުމުރުން 74 އަހަރާއި 44 އަހަރުގެ 2 އަންހެނަކާ، 46 އަހަރުގެ ފިރިހެނެއްގެ އިތުރުން 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ. 9 އަހަރުގެ ފިރިހެން ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ވެފައި ވީ ނަމަވެސް، ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ފުލުހުން ބުނެއެވެ.

މަރާލި އާއިލާއާއި ވެލްޓްމަންއާ ދެމެދު މީގެ ކުރިން އެއްވެސް ވަރެއްގެ ގުޅުމެއް އޮތް ކަމުގެ އެއްވެސް ރެކޯޑެއް އަދި ލިބިފައެއް ނުވެއެވެ. އަދި ވެލްޓްމަންއަކީ، މީގެ ކުރިން އެއްވެސް މައްސަލައެއްގައި ބެދިފައިވާ މީހެއް ނޫން ކަމަށްވެސް ފުލުހުން ބުނެއެވެ.

ވެލްޓްމަން، އެއް އާއިލާއެއްގެ 4 މެންބަރުން މަރާލާފައިވަނީ އެއްގަމު އުޅަނދަކުން ޖައްސައިގެންނެވެ. މި ޖަރީމާ ހިންގި ވަގުތަކީ، މަންޒަރު ރީތިކޮށް ފެންނަ، ސާފު ދުވަހެއް ކަމަށް މައުލޫމާތު ލިބެއެވެ.