ކޮވިޑް ބަލިމަޑުކަމުން ރައްކާތެރި ވުމަށް ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ އާބާދީގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް ފުރަތަމަ ޑޯޒް ޖެހިތާ 6 މަސް ނުވާނަމަ އަލުން ވެކްސިން ފަށަން ނުޖެހޭނެ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެގެން އޯޑަރުކުރި އެ ވެކްސިންގެ އާ ޝިޕްމަންޓް ލިބުމުގައި ދަތިތަކެއް ދިމާވެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ރާއްޖޭގައި ތިބި މީހުން ކަންބޮޑުވެފައި ވާ ދަނޑިވަޅެއްގައެވެ. ފައިސަލް މިހެން ވިދާޅުވީ، ދުނިޔޭގެ ސިއްހާތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އާންމު ކުރި މައުލޫމާތަކަށް ހަވާލާ ދެއްވަމުންނެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރާތާ 12 ހަފްތާ ވިޔަސް ކަންބޮޑުވާން ނުޖެހޭ ކަމަށް ފައިސަލް ވިދާޅުވި އިރު އެއީ އަދި އެޗްޕީއޭގެ ރަސްމީ ނިންމުމެއް ނޫނެވެ.

ފައިސަލް އަމިއްލަ ގޮތުން ވިދާޅުވީ، ދެވަނަ ޑޯޒް ފުރިހަމަ ނުކުރާތާ 12 ވިޔަސް، 6 މަސްތެރޭ ވެކްސިން ލިބިއްޖެ ނަމަ އަލުން ފުރަތަމަ ޑޯޒް އިން ފަށަން ނުޖެހޭނެ ކަމަށެވެ. ޑަބްލިއުއެޗްއޯއާ ހަވާލާ ދެއްވަމުން އެހެން ވިދާޅުވި ސަބަބެއްގެ ގޮތުގައި ޑރ. ފައިސަލް ވިދާޅުވީ، އެއީ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދިފާއީ ނިޒާމް އެ ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރަން ހަށިގަނޑު ތެރޭ ތަމްރީންވާ ކަމަށެވެ.

އިންޑިއާގެ ސަރުކާރުން ވަނީ ކޮވިޝީލްޑްގެ 2 ޑޯޒްގެ ދެމެދުގައި ހޭދަ ކުރާ މުއްދަތު، 12 ހަފުތާއިން 16 ހަފުތާއަށް އިތުރު ކޮށްފައެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ކޮވިޝީލްޑް ވެކްސިން އެންމެ ފުރަތަމަ ތައާރަފު ކުރިއިރު 2 ޑޯޒްގެ ދެމެދުގައި ހޭދަ ކުރާ މުއްދަތެއް ކަމުގައި ކަނޑައެޅި 6-8 ހަފުތާއާ ދެމެދު މުއްދަތެކެވެ.

2 ޑޯޒްގެ ދެމެދު ހޭދަ ކުރާ މުއްދަތު އިތުރު ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ދަނީ އަމާޒު ވަމުންނެވެ. އެފަދަ ފަރާތްތަކުން ބުނަމުން ދަނީ، މި ނިންމުމަކީ ވެކްސިންގެ ސަޕްލައި ނެތިގެން ނިންމި ނިންމުމެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޝީލް ވެކްސިން އާންމުންނަށް ޖެހުން ހުއްޓާލާފައި ވާއިރު މިވަގުތު ސެންޓްރަލް ސްޓޮކްގައި ހުރީ އެ ވެކްސިންގެ ވަރަށް މަދު އަދަދެކެވެ. ރޭގެ ނިޔަލަށް ސެންޓްރަލް ސްޓޮކްގައި ހުރީ 130 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ކަމަށް ބުނެފައި ވެއެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް / ފޮޓޯ: ރައީސް އޮފީސް

މި ވަގުތު ރާއްޖޭގައި ކޮވިޝީލްޑެ ވެކްސިންގެ ބާކީ ހުރި ސްޓޮކުން ވެކްސިން ޖަހައިދެމުން ދަނީ ހާއްސަ ހާލަތުގައި ވެކްސިން ޖަހަން ޖެހޭ ފަރާތްތަކަށެވެ. އެގޮތުން ސިއްހީ އެހީތެރިންނާއި ބަލި ހާލަތު ދަށް ވެ އެޑްމިޓް ކޮށްފައި ތިބޭ މީހުން ހިމެނެއެވެ. އެ ވެކްސިން ޖެހުން ހުއްޓާލި އިރު ފުރަތަމަ ޑޯޒް ޖަހައި، ދެ ވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ޖުމްލަ 92،000 މީހުން އެބަތިބި ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އެއީ މާލޭ ސަރަހައްދުން 55،000 މީހުންނާއި ރަށްރަށުން 37،000 މީހުންނެވެ.

މިހާތަނަށް ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ ތެރެއިން 120،160 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސް ޕާސަން މުހައްމަދު މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

ރާއްޖޭގައި ހުރި ވެކްސިންގެ ސްޓޮކް މަދުވެ ކޮވިޝީލްޑް ވެކްސިން އާންމުންނަށް ޖެހުން ހުއްޓާލާފައި ވީ، ނަމަވެސް ރާއްޖެއިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކާފައެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ. މި ވެކްސިންތަަކުގެ ތެރެއިން އެސްޓްރާޒެނިކާ އަށް ފައިސާ ދެއްކި 700،000 ޑޯޒު ވެސް މި މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ވެކްސިން ލިބޭނެ ސީދާ ތާރީހެއް ހާމައެއް ނުކުރައްވައެވެ.