މިދިޔަ އޭޕްރީލް މަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މިސްބާހު މުހައްމަދު (25އ) ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކަކާއެކު ކަމަށް ބުނި ވާހަކަ ދޮގުކޮށް އާންމު ކުރި ވީޑިއޯއަކަށް ފުލުހުން ރައްދު ދީފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިޑީއޯގައި މިސްބާހު ބުނެފައި ވަނީ، އޭނާ އަކީ ޑްރަގް އެއްވެސް ނެޓްވޯކަކާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ. އަދި އޭނާއޭ ކިޔައިގެން ފުލުހުން ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތު ތަކެއް ކަމަށް އޭނާ ބުނެއެވެ.

މިސްބާހު ފުލުހުން ބުނި ބަސް ދޮގު ކޮށްފައި ވާއިރު މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައޫލުމާތު ދެމުން ފުލުހުން ބުނީ، މިސްބާހު އާ ގުޅޭ މައްސަލައިގައި މީގެ ކުރިން ފުލުހުންގެ ފަރާތުން ހާމަ ކުރި މައުލޫމާތަކީ ފުލުހުންނަށް ކަށަވަރު ކުރެވޭ މައުލޫމާތެއް ކަަމަށެވެ.

ފުލުހުން ދެއްކި ވާހަކައާ ގުޅިގެން މިސްބާހު އިންޓަވިއު ދޭ ވީޑިއޯގެ ފޮޓޯއެއް

އެގޮތުން ފުލުހުން ބުނެފައި ވަނީ، ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ 10:13 ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހު ފުރާފައި ވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާއެކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިރުފާން އާއި މިސްބާހު ދުބާއީއަށް ފުރުމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އިރުފާން ވަނީ ނޮވެމްބަރު 22، 2020 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި ކަމަށާއި ނަމަވެސް، އިރުފާން ތަގިއްޔުއާ އެކު މިސްބާހް އައިސްފާ ނުވާ ކަމަށެވެ. އަދި، މިސްބާހު ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ދިޔަކަން ތަހުގީގަށް ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން، މިސްބާހު ޕާކިސްތާނަށް ގޮސްފައި ވަނީ، ރާއްޖެ އެތެރެކޮށްފައި ވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައި ވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކުގެ ބެލުމުގެ ދަށުގައި "ގެރެންޓާ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.