މިދިޔަ އަހަރަށް އާމްދަނީން ނަގާ ޓެކްސް ފައިސާ ދެއްކުމުގެ ސުންގަޑި އަންނަ އޮގަސްޓުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށާއި، މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިއާޔަތްކޮށް ބަދަލުތަކެއް ގެނެސްފައި ވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ދައްކާ ސުންގަޑިއާއި މި އަހަރުގެ އިންޓަރިމް ބަޔާނާއި ޕޭމަންޓް ހުށަހަޅާ ސުންގަޑިއަށް ބަދަލު ގެނެސްފައި ވެއެވެ.

މީރާއިން ބުނީ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ހުށަހަޅަން ޖެހޭ އިންކަމް ޓެކްސް ބަޔާން (604 MIRA 606, MIRA 605, MIRA) ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި އަންނަ އޮގަސްޓް މަހުގެ ނިޔަަލަށް ފަސްކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު މި އަހަރަށް ހުށަހަޅަން ޖެހޭ ފުރަތަމަ އިންޓަރިމް ބަޔާން (603 MIRA) ހުށަހެޅުމާއި އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ޓެކްސް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށް އެ ފަރާތުން ބުނެއެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކުހާއި މިއަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅުމުގައި އެ އޮތޯރިޓީން ގެނެސްފައިވާ ބަދަލުތަކާ އެއްގޮތަށް ކަންކަން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރާ ކަމަށް މީރާއިން ބުނެއެވެ.