ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓަރީ އިންކުއަައިރީ އަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާޒިރު ކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ދާދި ދެންމެ އަކު ކުރި ޓްވީޓެއްގައި ބުނީ، މަޖީލީހުގައި ކުރިއަށް ގެންދާ އިންކުއަރީ އަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ހާޒިރު ކޮށްފައިވާ ކަމަށެވެ. މިއަދު މީގެ ކުރިން ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ހާޒިރު ކޮށްފައެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓަރީ އިންކުއަރީ އަށް އިއްޔެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާޒިރު ކުރި އިރު މިއަދު މާލޭ ސިޓީގެ ކުރީގެ މޭޔާ ޝިފާ މުހައްމަދާއި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، މުހައްމަދު އަސްލަމް ވެސް ވަނީ ހާޒިރު ކޮށްފައެވެ.

ޝަމާލް މިއަދު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންފައި ވާއިރު އެމްއެންޑީއެފުން މީގެ ކުރިން ބުނެފައި ވަނީ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީ ވާނީ އެ ޑިފެންސް މިނިސްޓްރީގެ ފަރާތުން ކަމަށެވެ. މި ކަމަާ ގުޅޮގެން މަޖިލީހުން ވަނީ އެ ނިންމުމަކީ މަޖިލީހުގެ ހުރުމަތް ކެނޑޭ ފަދަ ނިންމުމެއް ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒަމީލްގެ މައްޗަށް ޖީނާއީ ދައުވާ ކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވާފައެވެ.