ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި އިއްޔެ ހައްޔަރު ކުރި 2 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ކުޅުދުށްފުށީގައި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މީހަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ހައްޔަރު ކުރި ދެމީހުން ކޯޓަށް ހާޒިރު ކުރުމުން އެމީޙުންގެ ބަންދުގެ މުއްދަތށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

މި މައްސަލައަ ގުޅިގެން ރޭ ދެމީހަކު ހައްޔަރު ކުރުމާ އެކު މިހާތަނަށް މި މައްސަލައާ ގުޅިގެން 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފައެވެ. އެ ގޮތުން އިއްޔެ ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ. މީގެ ކުރިން މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކު ވެސް ހައްޔަރު ކޮށްފައި ވެއެވެ. މި މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން ބުނީ އެމައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރަހިނުކޮށް އަނިޔާކޮށްފައި ވަނީ ކުޅުދުއްފުށީ ރަތްފުސްގެ، އަހްމަދު އިބްރާހީމް އަށެވެ. އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުން އަހްމަދުގެ ބޮލުގެ އޮޕްރޭޝަނެއް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވާ ކަމަށާއި އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

އަހްމަދުގެ ބޮލުގެ ނާށިގަނޑު ފުނޑު ފުނޑުވެފައިވާ ކަމަށް އޮޕަރޭޝަނަށް ފަހު ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ. އޭގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ބޮލުގެ ނާށިގަނޑު ނަގާ، އާޓިފިޝަލް ނާށިގަނޑެއް ލައްވާފައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ.

އޭގެ އިތުރުން ސިކުނޑި ދުޅަވެފައި ވާތީ ދުޅަ ތިރިވުމުން އިތުރު އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.