ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއްދީ އެ ހަމަލާގެ ތަހުގީގު ކުރިއަށް ދާ އިރު ވަކިވަކި ސިފައިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމި ނިންމުމަށް ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އާންމު ސިފައިންގެ މީހާ ކަންކުރި ފުރިހަމަ ގޮތް ގެއްލުވާލުމަށް އޭގެ މަތިން އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަަށެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި ސިފައިންނަށް ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ސިފައިން ދެމުން ދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ކުރިއަށް ދަނިކޮށް ސިފައިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އިއްޔެ އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީ ވާނީ މުއައްސަސާގެ ފަރާތުން ކަމަށް ވަނީ ބުނެފައެވެ.

ހަމައެއާއެކު އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބަލަމުން ގެންދާ މައްސަލައެއްގައި ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެ ނަމަ އެ މައުލޫމާތެއް މުއައްސަސާއިން ފޯރުކޮށް ދޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމުގައި އެ އުސޫލުތަކާ ހިލާފަށް އަމަލު ކުރަން ސިފައިންގެ މައްޗަށް ލާޒިމްކުރާ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތް ކަމަށާ މި ނިންމުމަކީ ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަބާވުދާރީވުމާ ބެހޭ ގޮތުން ސިފައިންގެ ލަފާދޭ މަޖިލީހުން ދީފައިވާ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.