މިދިޔަ އޭޕްރީލް މަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މިސްބާހު މުހައްމަދު (25އ) ހުރީ ބޭރުގެ ޑްރަގު ނެޓްވޯކެއްގައި ރަހުނުކޮށްފައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ 10:13 ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހް ފުރާފައި ވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާއެކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޑިސެމްބަރު 08 2020 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އިރުފާން ތަގިއްޔު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިރުފާން އާއި މިސްބާހް ދުބާއީއަށް ފުރުމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އިރުފާން ވަނީ ނޮވެމްބަރު 22، 2020 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި ކަމަށާއި ނަމަވެސް، އިރުފާން ތަގިއްޔުއާ އެކު މިސްބާހް އައިސްފާ ނުވާ ކަމަށެވެ. އަދި، މިސްބާހް ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ދިޔަކަން ތަހުގީގަށް ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން، މިސްބާހް ޕާކިސްތާނަށް ގޮސްފައި ވަނީ، ރާއްޖެ އެތެރެކޮށްފައި ވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައި ވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓާ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އިރުފާންގެ މައްޗަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމާ ފެބްރިއަރީ 03، 2021 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ، ފެބްރުއަރީ 14، 2021 ގައި ދައުވާ އުފުލާފައި ވާ ކަމަށެވެ. މި މައްސަލާގައި އިރުފާން އާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ.

ފުލުހުން ވަނީ މިސްބާހް ފުރާފައިވާ ތާރީހަކީ ނޮވެމްބަރު 19، 2020 ކަމަށް މީގެ ކުރިން ބުނެފާވަނީ އޭރު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށް ބުނެފައެވެ.