ރޭ ދަންވަރު ވަގުތެއްގައި މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުރި ގެއަކުން ކުނި ވަސް ދުވާތީ ބެލި އިރު ފެނުނު އަންހެން މީހާ މަރުވެފައި އޮތީ ފިޓްޖެހިގެން ކަމަށާއި އޭނާގެ ކޮވިޑް ޓެސްޓްގެ ނަތީޖާ ނެގެޓިވް ކަމަށް އައިޖީއެމްއެޗްއާ ހަވާލާދީ އާއިލާއިން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މަރުވެފައި އޮތް އުމުރުން 28 އަހަރުގެ ލިޔުޝާ ޝާކިރުގެ އާއިލާއިން ބުނީ އޭނާގެ ހަބަރެއް ނުވާތާ 5 ދުވަސްވަރު ވެފައިވާ ކަމަށެވެ. މިހާ ދުވަސްވީ އިރުވެސް އެ އާއިލާއިން އޭނާ ހޯދަން މަސައްކަތް ނުކުރީ ދޭތެރެ ދޭތެރެއިން ލިޔުޝާ ހަބަރު ނުވެގެން ގުޅުމުން ވެސް ފޯނު ނުނަގާތީ ކަމަށް އާއިލާއިން ބުނެއެވެ. މީގެ ކުރިންވެސް އެތައް ދުވަސްތަކެއް ވަންދެން ހަބަރެއް ނުވެ ގެއަށް ނައިސް އުޅެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
މީހުންނާ ގުޅޭ ސަކަ މިޒާޖެއް ހުންނަ ލިޔުޝާ ހަބަރެއް ނުވެގެން އޭނާގެ ފޯނަށް އެތައް ފަހަރަކު ގުޅިކަމަށް އާއިލާއިން ބުނެއެވެ. އަދި ދެ ދުވަހެއް ކުރިންވެސް އެ ގެ ހުންނަ ގޯޅި ތެރެއިން ކުނިވަސް ދުވާތީ މީދަލެއް ނުވަތަ ބުޅަލެއް ކަހަލަ ޖަނަވާރެއް ކުނިވެފައި އޮތީ ކަމަށް ހީކޮށްގެން ހުރި ނަމަވެސް ހިތުގައި ބިރުވެރިކަމެއް އަށަގަތީ އެ ކޮޓަރި ކައިރިއަށް ދިއުމުން ކަމަށް އެ އާއިލާގެ މެންބަރެއް ބުންޏެވެ.
ގުޅާ ގުޅާ ފޯނު ނުނަގާ އޭނާގެ ހަބަރެއް ނުވުމުން ހަރުގަނޑެއްހެން ހުރި ކުޑަ ސިޑިން އޭނާގެ ދައްތަ މައްޗަށް އަރާ ދޮރުގައި ހިފާލި އިރުވެސް އެ ކޮޓަރިން ބޭރަށް ކުނިވަސް ވަރަށް ގަދައަށް ހުރިކަމަށް ބުނެއެވެ. އަދި ކޮޓަރީގެ ދޮރު ހުރީ ތަޅު ނުލާ ކަމަށާއި ހުޅުވާލި އިރު އެތެރޭގައި ލިއުޝާގެ ފުރާނަ ނެތް ހަށިގަނޑު އޮތް ތަން ފެނި ބާރަށް ހަޅޭއް ލަވަން ފެށީ ކަމަށް އޭނާ ބުނެއެވެ.
އޭރު އޭނާގެ ހަށިގަނޑު އޮތީ ހަރުވެފައި ކަމަށް އާއިލާއިން ބުނެއެވެ. ހަމުގެ ކުލަ ދޮން ލިޔުޝާގެ މުޅި ހަށިގަނޑަށް އޮތީ ކަލު ކުލައެއް އަރާފައި ކަމަށާއި އޭނާގެ ހަށިގަނޑުގައި ނިވާކަމެއް ނެތް ކަމަށް އާއިލާއިން ބުނެއެވެ.
ލިޔުޝާއަކީ މީގެ ކުރިން މަސްތުވާތަކެތި ބޭނުންކޮށް އެކަމުން ސަލާމަތް ވުމަށް ފަރުވާ ހޯދާފަިއވާ މީހެއް ކަމަށް އާއިލާއިން ބުނެއެވެ. އަދި އެ ފަރުވާއަށް ފަހު ވެސް އޭނާ ދަނީ ޑިޕްރެޝަންއަށް ބޭސްކުރަމުން ކަަމަށް އާއިލާއިން ބުނެއެވެ. އައިޖީއެމްއެޗްއިން ހެދި ޓެސްޓްތަކުން އޭނާ ވަނީ އޯވާޑޯޒް ވެފައި ކަމަކަށް ނުބުނާ ކަމަށާއި އޭނާ މަރުވެފައި އޮތީ ފިޓް ޖެހިގެން ކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާގެ ކޮވިޑް ޓެސްޓްގެ ނަތީޖާވެސް ނެގެޓިވް ކަމަށް އާއިލާއިން ބުނެއެވެ.
ލިޔުޝާއަކީ އެއާއިލާގެ އެއްބަނޑު އެއްބަފާ 5 މެންބަރުންގެ ތެރެއިން އެންމެ ހަގު އަންހެން ކުއްޖާއެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 2:30 ހާއިރުއެވެ. ސީން އިން ބަލަންޖެހޭ ކަންކަން ބެލުމުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި މީހާ މަރުވެފައި ވަނީ ކޮން ކަމަކާ ގުޅިގެން ކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ރޭ ލިޔުޝާގެ ހަށިގަނޑު އެގެއިން ނެރެގެން އައިޖީއެމްއެޗަށް ގެންގޮސްފައި ފަތިހު 4:15 ހާއިރުއެވެ.