މިއަހަރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ހަރަދު ކުރަން ހުއްދަ ދިން އަދަދަށް ވުރެ ގިނައިން އެ މިނިސްޓްރީން ހަރަދު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި މާލީ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ހަރަދު ކުރަން ހުއްދަ ދީފައި ވަނީ 60.3 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ހާމަކޮށް ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި އެ މިނިސްޓްރީން ވަނީ 85.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެއީ 41.5 ޕަސެންޓްގެ އިތުރު ވުމެކެވެ.
މިދިޔަ އަހަރު އެ މިނިސްޓްރީން ކޮށްފައިވާ ހަރަދަށް ބަލާ އިރު، އެ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ވަނީ 71.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ މެންބަރެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ، ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ މިނީ ބަހުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކެއް ހުރީ އެކަމަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުން ކަމަށް ވިދާޅުވެފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެއް ކަމަށާއި އެ ހިދުމަތް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަ ކުރައްވާފައި ވެއެވެ.
ހަރަދުކުރުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަރަދުކޮށްފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކާއިރު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އިތުރަށް ހަރަދު ކޮށްފައެވެ. އެ ގޮތުން އެންޑީއެމްއޭ އަށް މިއަހަރަށް ހަރަދު ކުރަން 13.4 މިލިއަން ރުފިޔާގެ ހުއްދައެއް ދީފައިވާއިރު މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ވަނީ 129.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ހަޑިރަގަޅައް ހޭވިއްޖެ އޯކޭ