ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާއަށް ހުށަހެޅުއްވި އިސްލާޙާ ގުޅިގެން އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފޮއެވެ.

އެ ޕާޓީންގެ މަޝްވަރާ މަޖިލީހުގެ 3 ވަނަ ދައިރާގެ 3 ވަނަ ބައްދަލުވުމުގެ އިއްތިފާގުން މިއަދު ވަނީ އެ ޕާޓީން ފާސްކުރި ގަރާރެއް ނެރެފައެވެ. އެ ގަރާރަކީ ނަފްރަތުގެ އަމަލު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ނެރެފައިވާ ގަރާރެއް ކަމަށް އަދާލަތުން ބުނެއެވެ. އަދި އެ ގަރާރަުގައި އެ ބައްދަލުވުމުގައި އިގުރާރުވެފައިވާ ތިން ކަމެއް ވަނީ ފާހަގަ ކޮށްފައެވެ.

އަދާލަތުން ނެރުނު ގަރާރުގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހެޅި އިސްލާހުގެ ނަތީޖާއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭނެ ކަމެއްކަމަށެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދީނީ މުއައްސަސާތަކާއި، ދީނީ ޖަމިއްޔާ ޖަމާއަތްތަކަށް ދީނާ ގުުޅުން ހުރި ކަންކަމުގައި ބަސްބުނެ ހެޔޮ ކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީ ކުރުމަށް ހުރަސް އެޅިދާނެ ފިޔަވަޅެއް ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަކަށް އަދާލަތުން ބުނެއެވެ.

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވެފައި ވާ ކަންކަން:

  • މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން އެ ޕާޓީގެ ކަންބޮޑުވުންތަކަށް ސަރުކާރާއި ކަމާ ގުޅުން ހުރި އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ހައްލު ހޯދުން
  • ނަފްރަތުގެ އަމަލު ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ނުވަތަ އެހެން ގާނޫނެއްގައި ވެސް ބަޔާން ކުރާ ނަމަ، މާތް ވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކުރުމަށާއި އަދި އެކަމަށްޓަކައި އދ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކާއި، ކަމާގުޅޭ އިލްމީ ދިރާސާތަކުގެ މައްޗަށް ރިއާޔަތްކޮށް ޑިމޮކްރަސީ މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކަށް ފެތޭ ގޮތަށް އެކަން ކުރުމަށް ގޮވާލުން
  • ނަފްރަތުގެ އަމަލުތަކާއި އިސްވެ ބަޔާން ކުރެވުނު ބިލު އިތުރަށް ދިރާސާ ކޮށް އަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ހޭލުންތެރި ކުރުން

އެ ޕާޓީން ނެރުނު ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީން ކަމަށާއި އަދި އިސްލާމްދީނުގެ އަސްލަކާއި ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށެވެ. އެހެންކަމުން، ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހާއްގު ދިފާއުކޮށް ދަމަހައްޓަން ޖެހޭ އެންމެ މުހިންމު ސަބަބަކީ، މުޖުތަމައުގެ ކަންކަމާމެދު ބަހުސްކޮށް ބަސްބުނެ ލަފަޔާއި އިރުޝާދު ދިނުމަކީ މުޖުތަމައުގެ ބަދަހިކަމާއި ގައުމުގެ ކުރި އެރުމާއި ތަރައްގީ އަށް ކޮންމެހެން ލާޒިމުކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން އެ ޕާޓީ އުފެއްދުމުގެ އެންމެ އަސާސީ އެއް މަގްސަދަކީ ހެޔޮ ކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކޮށް ދިވެހިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކޮށް ހިފެހެއްޓުން ކަމަށް ބުނެފައި ވެއެވެ. ފާހިޝް އަމަލުތަކާއި މުންކަރާތްތަކަށް އިންކާރު ކުރުމާއެކު، އެފަދަ ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމުގެ އިތުރުން، ދިވެހިރާއްޖޭގައި އެފަދަ ކަންކަން އަށަގަތަ ނުދިނުމަކީ އެ ޕާޓީގެ މަގްސަދެއް ކަަމަށް ބުނެފައި ވެއެވެ. އަދި ދިވެހި މުޖުތަމައަކީ އެންމެހައި ބާތިލު އަގީދާތަކާއި، ލާދީނީ އޮއިވަރުތަކުން ރައްކަާތެރިވެފައިވާ، އަމަންއަމާން ކަމާއި، ސުލްހަމަސަލަސްކަން ގާއިމުކު ރެވިފައިވާ މުޖުތަމައަކަށް ހެދުމަކީ ވެސް އެ ޕާޓީީގެ މަގްސަދެއް ކަމުގައި ބުނެފައި ވެއެވެ.