މާލޭގެ ގަލޮޅުގެ ގެއެއްގައި މަރުވެ ގިނަ ދުވަސްވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ މައުލޫމާތު ލިބިފައި ވަނީ ރޭ 2:33 ހާއިރު ކަމަށެވެ. އަދި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 27 އަހަރުގެ އަންހެނެއް ކަަމަށް ފުލުހުން ބުނެއެވެ.

އެމީހާ މަރުވެފައި އޮއްވާ ފެނުނީ މާލޭގައި ގަޅޮޅުގައި ހުރި ގެއަކުން ކުނިވަސް ދުވާތީ ކަމަށް ފުލުހުން ބުނެއެވެ. އަދި ބެލި އިރު އެގޭ ތެރޭގައި އޮތް އަންހެން މީހާ ވަނީ މަރުވެފައި ކަމަށާއި އޭނާ މަރުވިތާ ގިނަ ދުވަސްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާގެ ހަށިގަނޑު އޮތީ ކަޅު ކުލަ އަރާފައެވެ. އަދި އޭނާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ވެސް ނެތް ކަމަށާއި އޭނާ ދިރިއުޅޭ އެގޭގެ ކޮޓަރީގެ ދޮރުވެސް ހުރީ ތަޅު ނުލާ ކަަމަށް މައުލޫމާތު ލިބެއެވެ.

ސީން އިން ބަލަންޖެހޭ ކަންކަން ބެލުމުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި މީހާ މަރުވެފައި ވަނީ ކޮން ކަމަކާ ގުޅިގެން ކަން ފުލުހުން ހާމައެއް ނުކުރެއެވެ.